މަސްޖިދުލްހަރަމްގެ އިމާމް އަދި ޚަތީބު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ މެދުގައި މަގުބޫލް އިމާމް އަދި ވަރަށް ރީއްޗަށް ގުރުއާން ކިޔަވައި ވިދާޅުވާ އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާނެ ތާރީހު ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއީ 43 އަހަރު ފަހުން މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރި އެވެ. އެ ފަހަރު ރާއްޖެ ވަޑައިގަތީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހް މުހައްމަދު އައްސުބައްޔިލް އެވެ.

އަދި 2025 ވަނަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ސަލާހުލް ބުދައިރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.