އިއްޔެ ހުޅުވި ސަލްމާން މިސްކިތަށް ހާއްސަ ޕާކިން ޒޯނެއް ހަދަން ބިމެއް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި އެދުނު ނަމަވެސް އެކަމަށް އެއްބާރުލުން ނުދިން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސަލްމާން މިސްކިތާއި އެ މިސްކިތުގެ ގޯތިތެރެ ވެސް އިއްޔެ ހުކުރު ނަމާދަށް އެއްކޮށް ފުރާލި އެވެ. އެ މިސްކިތް ފުރުނުއިރު، މަގުމަތި ފުރުނީ ނަމާދަށް ދިޔަ މީހުންގެ ސައިކަލުތަކުންނެވެ. އެކަމާ، ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޑުކިޔެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ ހުކުރު ނަމާދަށް ދިޔަ މީހުން ގިނަކަމުން މަގުމަތި ސައިކަލްތަކުން ތޮއްޖެހިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަލްމާން މިސްކިތުގެ ފުރަތަމަ ހުކުރު ނަމާދަށް ދިޔަ މީހުން ގިނަކަމުން މަގުމަތި ސައިކަލްތަކުން ތޮއްޖެހިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭ މޭޔަރުގެ ރަސްމީ ވައިބާ ގްރޫޕަށް މުއިއްޒު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، ސަލްމާން މިސްކިތަށް ހާއްސަ ޕާކިން ޒޯނެއް ހަދަން ސިޓީ ކައުންސިލުން ސަރުކާރުގައި އެދުނީ އެ މިސްކިތް ކުރިމަތީގައި އޮންނަ އެމްޓީސީސީގެ ސޯމިލް ބިން ދިނުމަށް ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ވެސް އެ މިސްކިތަށް ހާއްސަ ޕާކިން ޒޯނެއް ހަދަން ކަނޑައަޅާފައި އޮތް ބިން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯމިލް ބިމަކީ އެމްޓީސީސީގެ ގިނަ އަދަދެއްގެ މުދާ ހުންނަ ތަނެވެ. އެ ބިމުގައި އެ ކުންފުނީގެ އިންޖީނު ޝޯ ރޫމަކާއި ކޯޕަރޭޓް އޮފީހެއް ވެސް ހުރެ އެވެ. ސަލްމާން މިސްކިތަށް ހާއްސަ ޕާކިން ޒޯނެއް ހަދަންވެގެން، އެ ބިމުން ބައެއް ހުސްކުރަން ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު އެ ކުންފުނީގައި އެދުމުން އެ ބައިތައް ހުސްކޮށް ސަރުކާރާ ހަވާލުކޮށްފައިވެ އެވެ.

"ސޯމިލް ބިން އެ އޮތީ ބޭކާރުކޮށް. ޕަބްލިކް ވޯކްސްގެ ބޭރުން މުވައްޒަފުން ނިންދަވާ ތަނެއްގެ ގޮތުގައި އަދި ޕީޑަބްލިއުގެ ވެހިކަލްތައް ޕާކް ކޮށްފައި އޮންނަ ތަނެއްގެ ގޮތުގައި،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އަދިވެސް ސަރުކާރުގައި އެދެމުން މިދަނީ އެތަން ހުސްކޮށްފައި ސައިކަލް ޕާކިން އޭރިއާއަކަށް ހެދުމުގެ ފުރުސަތު ދެއްވުމަށް."

ސަލްމާން މިސްކިތުގައި ހުކުރު ނަމާދުކުރުމަށް ފަހު، ނަމާދަށް ދިޔަ މީހުންގެ ވެހިކަލްތަކުން ބޮޑުތަކުރުފާނު މަގު ތޮއްޖެހިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަލްމާން މިސްކިތުގައި ހުކުރު ނަމާދުކުރުމަށް ފަހު، ނަމާދަށް ދިޔަ މީހުންގެ ވެހިކަލްތަކުން ބޮޑުތަކުރުފާނު މަގު ތޮއްޖެހިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެހާ ފަސޭހައިން ހައްލުވާން ހުރި ކަންކަމަށް ސަރުކާރުން އެއްބާރުލުން ނުދޭން އުޅެނީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ޕާކިން ޒޯނެއް ހެދުމަށް އެ ބިން ލިބޭނެ ކަމަށް އަދިވެސް އުއްމީދުކުރައްވާ ކަމަށެވެ.

ސަލްމާން މިސްކިތުގެ ދެ ފަރާތުގައި، ދެ ޕާކިން ޒޯން އޮންނައިރު ވެސް، އެތަންތަން ވެސް ފުރި، ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތާއި މެދުގައި ވެސް އިއްޔެ ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން މަގުމަތި ވަރަށް ބޮޑަށް ތޮއްޖެހުނެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް ހުކުރު ނަމާދުން ފެށިގެން ބޭނުންކުރަން އިއްޔެ ފެށިޔަސް، އެ މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ ފަހުންނެވެ. މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީގެ ވަފުދެއް އަންނަ ގޮތަށް ހަމަޖެހިފައިވިޔަސް، އެ ތަރީހެއް އަދި ޔަގީންނުވެ އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމިޔަސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ފަށައިފައެއް ނުވެ އެވެ.

ސަލްމާން މިސްކިތް ނުހުޅުވި ލަސްވުމުން އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވީއިރު، އެއީ ޔާމީން ސައޫދީ އަށް ވަޑައިގެން އެ ގައުމުގެ ރަސްގެފާނަށް ދަންނަވައިގެން ހެދި ޗާލު މިސްކިތެކެވެ.