އޭސީސީއަށް އަލަށް އައްޔަންކުރި ފަސް މެމްބަރުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
05 އެޕްރީލް 2022 - 14:32
ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނީ ޒިންމާ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ މެމްބަރުން އެއްވެސް ވާހަކައެއް ދެއްކެވުމުގެ ކުރިއަށް ދެއްވީ ޔަގީން ކަމެކެވެ؛
"އަޅުގަނޑުމެން މި ހަވާލުވީ ގާނޫނީ ވާޖިބު އަދާކުރުމަށް. މަސައްކަތް އަބަދުމެ ދަމަހައްޓާނީ ނަޒާހަތްތެރިކަމާއި ތައްސުބުން އެއްކިބާވެ، ޖެހިލުން ވުމެއް ނެތި މުޅި ދައުލަތުން ކޮރަޕްޝަން ނައްތާލުމަށް. މި ވިސްނުމުގައި މި ގޮތުގައި އަޅުގަނޑުމެން މި ތިބީ. އެ ކަށަވަރުކަން އަރުވަން. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާއި އުސޫލްތައް،" ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހޭނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް. އަޅުގަނޑުމެން އަރުވާ ޔަގީންކަމަކީ މި ކޮމިޝަން ދެމިއޮންނާނީ ތި ބޭފުޅުންގެ މަސްލަހަތުގައޭ. ދިވެހި ދައުލަތުގެ މާލިއްޔަތުގެ ހިމާޔަތުގައޭ."
ޝާމިލް ވިދާޅުވި ގޮތުގައި ކޮމިޝަންގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ މަގްސަދު ހާސިލްވާ ގޮތަށެވެ.
އޭސީސީގެ އާ މެމްބަރުން އެ ޔަގީންކަން ދެއްވީ ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮމިޝަނާ މެދު އިތުރުބާރު ގެއްލިފައި އޮއްވަ އެވެ. ނުފޫޒު ވަދެ މިނިވަންކަން ގެއްލިއްޖެ ކަމުގެ ތުހުމަތު އޭސީސީ އަށް އެޅިފައި އޮއްވައި އެންމެ ފަހުން އިސްތިއުފާ ދެއްވި މެމްބަރުންނަށް އޮތީ މައްސަލަތައް ބެލުމުގެ ލަސްވެ ނަތީޖާ ނުނެރެވުނު ކަމުގެ ނުރުހުމެވެ.
އޭސީސީގައި މިހާރު ހުރި މައްސަލަތައް އާ ކޮމިޝަނުން ދެނެގަތުމަށް ފަހު، މަސައްކަތް މުޅިން އާ މިސްރާބަކަށް ގެންދިއުމުގެ ޕްލޭނެއް މިއަދު ވަނީ އާއްމުކޮށްފަ އެވެ. ކުރު ރާސްތާގެ އެ ޕްލޭންގައި ކަމާ ގުޅޭ އިދާރާތަކާ އެކު ވެސް ގުޅިގެން މަސައްކަތްކޮށް ހައްލުތަކެއް ހޯދާނެ ކަމަށް އޭސީސީގެ ރައީސް ވިދާޅުވި އެވެ.
އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގައި ވަޒީރުންނާއި ނައިބު ވަޒީރުން ވެސް ހިމެނިވަޑައިގަންނަވާނެ. ކުންފުނިތަކުގެ ވެރިންގެ މައްސަލަ ވެސް ހުށަހެޅޭނެ. އޭސީސީ އަބަދުމެ ހިންގާނީ ގާނޫނީ ވެރިކަން ނެގެހެއްޓޭ ގޮތަށް.
ހަ ދާއިރާއަކަށް އެކުލަވާލާފައިވާ އެ ޕްލޭންގައި ތަހުގީގު ހަރުދަނާ ކުރުމާއި މުވައްޒަފުންގެ ކަންބޮޑުވުން ދެނެގަނެ ފަންނުވެރިކަން އިތުރުކޮށް މަސައްކަތް ޑިޖިޓަލައިޒްކޮށް ކޮރަޕްޝަން ހުއްޓުވުން ހިމެނެ އެވެ.
އޭސީސީގެ އާ މެމްބަރުން ހަވާލުވިއިރު، ޒަމާން ވެފައި ހުރި މައްސަލަތަކުން ބޮޑު ބެކްލޮގެއް އެބަ އޮތެވެ.
މެމްބަރު ތޯހާ ވިދާޅުވި ގޮތުގައި ކޮމިޝަންގެ ދައުރު ފެށުނުއިރު 1،673 މައްސަލަ އޮތް އިރު އޭގެ ތެރޭގައި އިވެލުއޭޝަން މަރުހަލާގައި 549 މައްސަލަ އަދި ތަހުގީގު މަރުހަލާގައި 1،130 މައްސަލަ އޮތެވެ.
ކޮމިޝަންގެ ދައުރު ފެށުނު ފަހުން ހިނގި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 25 މައްސަލައެއް އަލަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 18 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ.
"މި ވަގުތު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 1681،" ޝާމިލް ވިދާޅުވި އެވެ.
ކޮމިޝަނުގެ ބެކްލޮގާ ގުޅޭ ގޮތުން މެމްބަރު ތޯހާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އާ މެމްބަރުންގެ ވިސްނުމުގައި ހުރީ މައްސަލަތައް ރަޖިސްޓްރޭޝަންގެ މަރުހަލާ އަވަސްކުރުމެވެ. މިހާރު އޮންނަނީ ކޮމިޝަންގެ ފަސް މެމްބަރުންގެ ބައްދަލުވުމަކުން މައްސަލަތަކާ މެދު ގޮތެއް ނިންމާ ގޮތަށެވެ. އެކަމަކު މިކަން ބަދަލުކޮށް، މައްސަލަ ރަޖިސްޓްރީ ކުރުމުގެ ބާރު ރަޖިސްޓްރާ އަށް ދޭން ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މެމްބަރުން އެ މައްސަލައެއް ރަޖިސްޓްރީ ކުރުމާ މެދު ގޮތެއް ނިންމާނީ އަލުން ބަލައި ދިނުމަށް އެދި ހުށަހަޅައިފި ނަމަ އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ބޮޑު މައްސަލަތައް އަވަހަށް ނިންމުމުގައި އިސްކަންދޭނެ ކަމަށެވެ. ކުރިން ވެސް މައްސަލަތައް ބެލުމުގައި އިސްކަންދޭނެ އުސޫލެއް އޮތް ކަމަށާއި އެ އިސްލާހުކޮށް އަމަލުކުރަން ފެށުމުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ބޮޑެތި އަދަދުތަކުގެ ފަހަތުން ދާން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެމްބަރު ޝިޔާމާ ޕްރެސް ކޮންފަރެންސްގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ކޮމިޝަންގެ ރައީސް ޝާމިލް ވިދާޅުވީ ކޮމިޝަނުން މައްސަލަތައް ބެލުމުގައި އިސްކަންދެމުން އަންނަ އުސޫލް ކުރިއަށް އޮތް ތަނުގައި އާއްމުކުރާނެ ކަަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ނޫނަސް ރައްޔިތުންގެ މަސްލަހަތު ބޮޑު މައްސަލަތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނުގެ ތަހުގީގައި ހިންގުމުގައި ވެސް ގެންގުޅޭނީ ދެފުށްފެންނަ، ނަޒާހަތްތެރި ނިޒާމެއް ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"މާދަމާ އަޅުގަނޑުމެން މިތަނުގައި ނުތިބެދާނެ. އެކަމަކު މިތަން ރަނގަޅު ގޮތަށް ބައްޓަން ކުރެވިއްޖިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ،" އަބްދުއްސަލާމް ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ މައްސަލަތައް ތަހުގީގު ކުރުމުގައި އެސެޓް ރިކަވާ ކުރެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށް އިސްކަންދޭނެ ކަމަށެވެ. އެއާއެކު ކޮރަޕްޝަނަށް ހޭލުންތެރިކޮށް، އޭސީސީން ބެލުމުގެ އިހްތިސޯސް އޮންނަ މައްސަލަތަކާއި އެ ނޫން މައްސަލަތަކުގެ މައުލޫމާތު ވެސް އޮޅުންފިލުވައިދޭނެ ކަމަށް ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރުންގެ ވާހަކަތަކުގައި ސާފުކޮށްދެއްވީ މައްސަލަތައް އަވަސްކުރުމުގެ ނިޔަތް އޮތް ކަމެވެ. ކޮރަޕްޝަން ހިންގުމުން އެ މައްސަލަ ބަލަން އޮންނަ ގޮތަށް ކުށެއް ކުރުމުގެ ކުރިން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން ވެސް އިސްކަން ދެއްވާނެ ކަަމަށް މެމްބަރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންގްރޫވް
07 April 2022
100 ޕަސެންޓް އަންބޮނޑި ބޮޑުކުރާނެކަމުގެ ޔަޤީންކަން ތޯ؟
އުސްމާނުބެ
06 April 2022
މޫނައް ބަލާފަ ބުނަންޔާ ، ހިޔެއް ނުވޭ އެވަރު ގެ ފަންނީ ގާބީލުކަން ހުރިކަމެއް. ސެޓްފިކެޓް ތޮތަސް. ދެން އޮތީ އަމަލުން ތިބޭފުޅުން މީވާނެ ކަމެއްކަން ސާބިތިވުން.
އަބުދުލް ޤާދިރު
05 April 2022
އަދި ކަމަކާ ނުޖެހެނީ. ކަމަކާ ޖެހޭއިރަށް އަގުޅިނެތް ކަންނެލަށް ވާނެ.
ރައްޔިތުސޮރު
05 April 2022
އެހެންވީއިރު ރ.އަތޮޅު ވާދޫ ތުނޑި ބިޑަކާ ނުލައި ބަޔަކަށް ވިއްކާލި މައްސަލައިން ފައްޓަންވީނޫންތޯ!
އުމޭއްތަ
05 April 2022
އަދީބުއަށް ޔާނުވެސް ދެއްވި ފަސްސަތޭކަ ޕަސެންޓް ޔަގީންކަން
ރަޔާން
05 April 2022
އޭސީސީގެ އާ މެމްބަރުންނަށް ދަންނަވަން އޮތީ " ތި ބޭފުޅުންނަށްވެސް އިތުބާރު ކުރަން އަހަރެމެން ތައްޔާރޭ ، އެކަމަކު އިތުބާރު ލިބިގަންނަން ތިބޭފުޅުންވެސް މަސައްކަތް ކުރާށޭ ". އެއްޗެއް ލިބޭނީ އެއްޗެއް ދީގެންނޭ.
1974
05 April 2022
ބޭކާރު ބައެއް އުވާލާ ލާރިކައިގެން ތިބޭނީ .އެއް ކަމެއްވެސް ނުވާނެ
ގަޓްބެއްޔާ
05 April 2022
ރާއްޖޭގަ މިހާރު އިތުބާރުކުރެވޭ އެއްވެސް މުއައްސަސާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. ވަޒީފާ ގެއްލެންދެން ކޮންމެ ބަޔަކުވެސް %100 ގެ ޔަގީންކަންދޭނެ!
ރެޓޭ
05 April 2022
ތޯހާއަކީ ފުލެޓް ކޮމިޓީ (ކޮތަރުކޮށި)ގެ މެންބަރުކަން ކުރިފަރާތެއްބާ؟
މީދިވެހިންނޭ
05 April 2022
އޭސީސީ އަބަދުމެ ހިންގާނީ ގާނޫނީ ވެރިކަން ނެގެހެއްޓޭ ގޮތަށޭ ވިދާޅުވުމުގެ މާނައަކީ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތަށް އިސްކަންދީގެން މައްސަލަތައް ބަލާ ވާހަކަ ކަމަށް ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަގަޅު.