ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައި ވަނިކޮށް މިދިޔަ މަހު ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލާގެ ހުކުމް ހައި ކޯޓުން އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.
މިއީ އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ. މީގެކުރިން ދެފަހަރަށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ވެސް، އޭނާ އޭރު އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަކަށެވެ.
ޚިޔާނާތުގެ 40 އަށް ވުރެ ގިނަ ދައުވާ އައްމަޓީގެ މައްޗަށް ދައުލަތުން ކުރެ އެވެ.