އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ދޫކޮށްލައި މި މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ކުރެވޭނެ ހެކި ނެތް ކަމަށް ނިންމުމުގެ ކުރިން، މައްސަލާގައި ކުރިން ލިބިފައި ހުރި މުހިންމު މައުލޫމާތާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމުގެ ކަންބޮޑުވުމާ އެކު ޖެންޑާ މިނިސްޓްރީން ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވާފައި އޮތްކަން އެނގިއްޖެ އެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ، ހުރި ހެކިތަކަށް ބަލައި، ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ފަހުން އެ މީހާ ވަނީ ދޫކޮށްލައިފަ އެވެ. އަދި މި މީހާ ފިޔަވައި އިތުރު މީހަކަށް ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އައްޑޫގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ސިޔާސީ އެކި ފިކުރުތަކުގެ މީހުން ވެސް އެކި ތުހުމަތުތައް ކުރި މި މައްސަލަ މިހާ ފަސޭހަ ގޮތަކަށް ހިނދިގެން ދިޔަ ނަމަވެސް އުމުރުން 59 އަހަރުގެ އަންހެން މީހާގެ ބަންދަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމުގައި އެ ވަގުތަށް ހުރި ހެކިތައް ފާހަގަކޮށްފައިވެ އެވެ. އެއީ؛
● ކުއްޖާގެ މަންމައަށް، ކުއްޖާއާ މެދު ޖިންސީ އަނިޔާ ހިނގާފައިވާ ގޮތް ކިޔައިދީފައިވޭ.
● އަނިޔާ ލިބުނު ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓް.
● ސްކޫލްގައި ކުއްޖާ ބެލުމާ ހަވާލުވެ ހުރި ފަރާތުގެ ބަޔާން.
މި ކަންކަމާ ބެހޭ ގޮތުން ހައި ކޯޓުގެ ހުކުމުގައި އިތުރު ތަފްސީލް ދެމުން ބުނެފައިވާ ގޮތުގައި؛
● ކުއްޖާއާ މެދު ޖިންސީ އަމަލު ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުއްޖާ ވަނީ އެކަން ހިނގި ގޮތް ކުއްޖާގެ މަންމަ އަށް ކިޔައިދީފައި.
● ހަމަ އެ ވަގުތު ކުއްޖާ ޑޮކްޓަރަށް ދެއްކި.
● ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓުން، އޭރު ކުއްޖާގެ ކުރިމަތިފަރާތާއި ފުރަގަސްފަރާތުގައި "ފްރެޝް އިންޖަރީސް" ފެންނަން ހުރި ކަމަށް ރިޕޯޓުގައި އޮތް.
މީގެ އިތުރުން މި ކަންކަމާ، ހެކިބަސް ދީފައިވާ އެހެން ހެކިންގެ ބަސް، ކުއްޖާ ބުނާ ބުނުންތަކާ ގުޅުވާލެވޭކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެކަމަކު ޖެންޑާ މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ ކުއްޖާ އަށް ލިބިފައިވާ އަނިޔާ އަކީ ކޮން އިރަކު ކިހިނެއް ލިބުނު އަނިޔާއެއްކަން ޑޮކްޓަރުންނަށް ވެސް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ދުވަހު ސްކޫލުން ގެޔަށް ގޮސް ވެސް ތަދުވާތީ ނޫޅޭ ކަމަށާއި އުޅުނީ އެހެން ދުވަސް ދުވަހު ވެސް އުޅޭ ގޮތަށް ކަމަށާއި އެހެން ކުދިންނާ އެކު ކުޅެން ވެސް އުޅުނު ކަމަށް އާއިލާގެ ބައެއް މެންބަރުންނާ ހަވާލާދީ ބުނެފައިވެ އެވެ. އެކަމަކު މިއީ މައްސަލަ ފެށިގެން އައި އިރު ދެއްކި ވާހަކައާ ދިމާ އިދިކޮޅު ވާހަކަތަކެވެ.
ޖެންޑާގެ މި "ހޯދުންތައް" ކަމާބެހޭ އިދާރާތަކަށް އަންގައި ފޮނުވި ސިޓީން އެނގޭ ގޮތުގައި، ކުއްޖާއަށް ޖިންސީ އަނިޔާވި ގޮތް އެ ކުއްޖާ މަންމައަށް ކިޔައިދީފައިވާ ކަމަށް ބުނެފައި ވިޔަސް އެކަން ނަފީކުރުމަށް ޖެންޑާ އިން ވާހަކަ ދައްކާފައި ވަނީ ކުއްޖާގެ އާއިލާގެ ބައެއް މީހުންނާ އެވެ. ކުއްޖާގެ ފަރާތުން ކަމެއް ސާފުކޮށްފައިވާ ކަމެއް އެނގޭކަށް ނެތެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖެންޑާ އިން ވާހަކަ ދެއްކީ ކުއްޖާގެ އާއިލާގެ ބައެއް މެންބަރުންނާ އެވެ. އެކަމަކު ފުލުހުން ކުރި ތަހުގީގުގެ ތެރޭގައި، އާއިލާގެ އެ މެންބަރުން ޖެންޑަ މިނިސްޓްރީއާ ވާހަކަ ދައްކާފައި ނުވާނެ ކަމަށް ބުނެފައިވާކަން ވެސް ވަނީ އެނގިފަ އެވެ. ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ފުލުހުންގެ ތަހުގީގުގައި ކުއްޖާއާ އިންޓަވިއުކުރަނީ ވެސް ޖެންޑަ މިނިސްޓްރީން ކަނޑައަޅާ ބައެއްގެ ހާޒިރުގަ އެވެ.
މީގެ އިތުރުން ޖެންޑަ މިނިސްޓްރީން ވަނީ ކުއްޖާއަށް ޖިންސީ އަނިޔާކުރީ ކުއްޖާގެ ކާފަ ކަމަށް ބައެއް މީހުން ތުހުމަތުކުރާތީ، އެ ގޭގެ ބައެއް އަވަށްޓެރިންނާ ވެސް އިންޓަވިއުކޮށް، ތުހުމަތުވާ މި މީހާ އަކީ ކޮން ކަހަލަ މީހެއްކަން ދެނެގަންނަން މައުލޫމާތު އެއްކޮށްފައިކަން އެނގިފައިވެ އެވެ.
ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ބެލެވޭ މިފަދަ މައްސަލައެއްގައި ހެކި ނެތް ކަމަށް ބަލައި މިހާ އަވަަހަށް ނިންމާލުމުން ވެސް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.