ނައިބު ރައީސް ފައިސަލް ނަސީމް، އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ޓޫރިޒަމްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި، އދ. ގެ މައި މަރުކަޒުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދުއާ ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ އަންހެނުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށާއި ޒުވާނުންގެ ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.

އޭގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން ކުރައްވާ މަސައްކަތްތަކާއި ނާޒުކު ހާލަތުގައި އޮތް ގައުމުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުުގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ހޯއްދަވައިދެއްވާ ފުރުސަތުތަކާއި އިންވެސްޓްމަންޓްތަކަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ނައިބު ރައީސްގެ އިތުރުން އދ. ގެ އާއްމު މަޖިލީހުގެ ރައީސް ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮވިޑު-19 ގެ ހާލަތުން އަރައިގަނެ ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ބޭނުންކުރި އުކުޅާއި އެ ދާއިރާއަށް ކުރިއަށް އޮތް ތަނުގައި ބޮޑެތި ބަދަލުތައް ގެނެވޭނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.