ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ދިވެހި ޗެނަލް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ފަރާތެއް ނިންމާނީ އެމްޑީޕީގެ ޕްރައިމަރީން ކަމަށާއި އެ އިންތިހާބުގައި އެމަނިކުފާނާއި ރައީސްގެ އިތުރުން ޕާޓީގެ އެހެން މެމްބަރުން ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ސޯލިހާ އަޅުގަނޑާ ނޫން އެހެން ބޭފުޅުން ވެސް މި ރޭހުގެ ތެރޭގައި ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

އަންނަ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށާއި ނަމަވެސް އަދިވެސް އެންމެ ރަނގަޅު ގޮތަކީ އޭގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އިންތިހާބެއް ބޭއްވުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައީސް ވެސް ކުރިން ގަބޫލު ކުރައްވާ ގޮތަށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން މަސައްކަތް ފައްޓަވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އާ ދުރުވެވަޑައި ނުގަންނަވަން ރައީސް ވަރަށް ބޮޑަށް ވިސްނަވަން ޖެހޭ ކަމަށެވެ. ސަރުކާރުގެ 60 ޕަސަންޓު އޮތީ އެހެން ޕާޓީތަކުގައި ކަަމަށާއި އޭގެ ސަބަބުން އެމްޑީޕީ މެމްބަރުން ބާކީވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީ މެމްބަރުން ބާކީވަމުން ދާތަން އަޅުގަނޑަށް އެބަ ފެނޭ. އެކަން އެހެން ހިނގައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމަނިކުފާނާ އަރިސް ބޭފުޅުން ގެންދަވަނީ ރައީސް ދެވަނަ ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.