އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޮޑު އަޣުލަބިއްޔަތަކުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ހޮވައި ޕާޓީގެ މެމްބަރުން ސާފުކޮށް މި ދެއްކި މަންޒަރަކީ އެމްޑީޕީގެ ބަދަހި ސަފުތައް އަލުން ރުކުރުވާލައި ހިންގަން ބޭނުންވެފައި ތިބި ވަރު ކަމަށް އޭނާގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
މި އިންތިހާބަށް ބެހެއްޓި ފޮށިތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގުނުމާ އެކު އިންތިހާބުން ފައްޔާޒް މޮޅުވެއްޖެ ކަމަށް ކެމްޕޭން ޓީމުން ވަނީ އިއުލާންކޮށްފަ އެވެ.
އިބުރޭ "މިހާރު" އަށް ވިދާޅުވީ މުޅި ރާއްޖެ އިން މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ފައްޔާޒަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަަމަށެވެ.
"ހުރިހާ ފޮށިތައް ގުނައި ނިމޭއިރު އަޅުގަނޑުމެންގެ އަންދާޒާއަކީ އިންތިހާބީގެ ކާމިޔާބީ އުޅޭނީ 62-65 ޕަސެންޓުގައި ކަަމަށް،" އޭނާ ވިދާޅުވި އެވެ.
އިބުރޭ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކުރިމަގަށްޓަކައި ކެމްޕޭނުގައި ފައްޔާޒް ހުށަހެޅި ކަންކަން އާއްމު މެމްބަރުން ބަލައިގެންފި އެވެ. އެއީ، އެމްޑީޕީ ހަރަކާތްތެރިކޮށް ހިންގާލުމާއި އާއްމު މެމްބަރުންނާއި ޕާޓީގެ ގުޅުން ބަދަހިކުރުމާއި އިތުބާރު އުފެއްދުމާއި ސަރުކާރާ އެކު ޕާޓީން މަސައްކަތް ކުރުމާއި ޑިމޮކްރަސީގެ ސިފަތައް ޕާޓީގައި ދެމެހެއްޓުމާއި ތަފާތުކުރުންތަކުން ނެއްޓި ހަމަހަމަކާ އެކު ޕާޓީގައި ދެމިތިބުމާއި ޒުވާނުންނަށް ފުރުސަތު ފަހިކޮށް، ދާއިރާތަކަށް މާލީ މިނިވަންކަން ދިނުން ފަދަ ކަންކަމެވެ.
މި ހުރިހާ ކަމެއްގެ ނަތީޖާ އަކަށް ވާނީ ފައްޔާޒް ވިދާޅުވަމުން ގެންދެވި ގޮތަށް ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ވެރިކަން 2023 ގައި ވެސް ދިފާއުކުރުން ކަމަށް އިބުރޭ ވިދާޅުވި އެވެ.
އިންތިހާބުގެ ކުރިން ފައްޔާޒް "މިހާރު"އަށް ވިދާޅުވީ 10 ރަށެއް ފިޔަވައި އެހެން ރަށްރަށުގެ މެޖޯރިޓީ ލިބޭނެ ކަަމަށެވެ. މީގެ ތެރެއިން ވެސް ބައެއް ރަށްތަކުން ކުރި ލިބުނު ކަމަށް އިބުރޭ ވިދާޅުވި އެވެ.
"މުޅި ނަތީޖާއަށް ބަލާއިރު ވަރަށް ހިތްހަމަޖެހޭ. ކުރެވުނު މަސައްކަތާއި ފަޔާ ދެމުން ގެންދެވި މެސެޖް އާއްމު މެމްބަރުން ގަބޫލުކޮށްފި. ޕާޓީ ހިންގަން އެދޭ ކަން ވޯޓުގައި ނުކުމެ ސާފުކޮށްދީފި،" އޭނާ ވިދާޅުވި އެވެ.
މި މޮޅު ލިބުނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ވާދަވެރި ޓީމުން އަޅުވަމުން ދިޔަ ދޮގު ތުހުމަތުތަކާ އެކުގަ އެވެ. ކެމްޕޭންގައި އެ ޓީމުން ބެލީ ރީތި ކެމްޕޭނަކަށް ކަމަށާއި އެކަން އާއްމު މެމްބަރުން ބަލައިގަތް ކަަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުގެ ތާރީހާ މެދު ގޮތެއް ނިންމަން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 115 މެމްބަރުންގެ ތެރެއިން އެއްބާރުލުން ދެއްވި މެމްބަރުން ވަނީ ކެމްޕޭނުގައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ. މި ކެމްޕޭނުގައި، ގިނަ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ގައުމީ މަޖިލީހުގެ އަދި އެމްޑީޕީގެ އިންތިހާބީ ގިނަ މަގާމްތައް ފުރުއްވާ ބޭފުޅުން ތިއްބެވީ ފައްޔާޒްއާ އެކުގަ އެވެ.
"އެމްޑީޕީ އާ ރޫހަކާ އެކު ހިންގަން ލިބުނު ފުރުސަތެއް މިއީ، ކެމްޕޭނުގައި ވައުދުވެވަޑައިގަތް ގޮތަށް އާއްމު މެމްބަރުންގެ ބައިވެރިވުމާ އެކު ޕާޓީ ހިންގާލާނެ ކަމަށް ޝައްކެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒްއާ ވާދަކުރެއްވި އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ވަނީ ފަހު ވަގުތު، މި އިންތިހާބާ ގުޅޭ ބޮޑެތި ޝަކުވާތަކެއް ފެންމަތިކޮށްފަ އެވެ. އޭގެތެރޭގައި ވަގުތު ހަމަވި ފަހުން ވޯޓުލުމުގެ ގަޑި އިތުރުކުރުމާއި ވޯޓު ކަރުދާސް ދެއްކި މައްސަލަ ވަނީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.
އިބުރޭ ގަބޫލުކުރައްވާ ގޮތުގައި، ބޮޑެތި މައްސަލަތަކެއް މި އިންތިހާބުގައި ކުރިއަކަށް ނުދެ އެވެ. ވޯޓުގެ ގަޑި އިތުރުކުރީ ވެސް އިންތިހާބާ ބެހޭ ކޮމިޓީން އޮފިޝަލުންނަށް އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭ ގޮތުން ފައްޔާޒް މިރޭ ނިއުސް ކޮންފަރެންސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.