"ބޮމެއް ގޮއްވާނުލިޔަސް" ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު "ގެއްލިއްޖެ" ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިބްރާ ވަނީ މި މަހުގެ 15 ވަނަ ދުވަހު އެމްޑީޕީގެ ރައީސް ނަޝީދު "ގެއްލޭނެ" ކަމަށް ވިދާޅުވެފަ އެވެ. އެއީ ނަޝީދަށް އިންޒާރުދިނުން ކަމަށް ބުނެ, ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައިދިނުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ކޮމިޓީން ނިންމީ އެ މައްސަލަ ނުބަލައި ފުލުހަށް ހުށަހެޅުމަށެވެ.

އިބްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ މެއި, 15 ކަމަށެވެ. ނަމަވެސް މިއަދަކު "ބޮމެއް ނުގޮއްވާ" ކަމަށާއި "ލެޔެއް ނުއޮހޮރުވާ" ކަމަށާއި "ޓެެރަރިޒަމްގެ އަމަލެއް ނުފެނޭ" ކަމަށް އިބްރާ ވިދާޅުވި އެވެ.

''އެކަމަކު ގެއްލުވާނުލިޔަސް ގެއްލިއްޖެ,'' އިބްރާގެ ޓްވީޓްގައި ވެ އެވެ.

ނަމަވެސް އެ ޓުވީޓްގައި ނަޝީދުގެ ނަމެއް އިބްރާ ވިދާޅެއް ނުވެ އެވެ.

ވާދަވެރި ކެމްޕޭނަކަށް ފަހު އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވީ އިބްރާގެ ކޮއްކޮ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާ އެކު ނުކުންނެވި ފައްޔާޒު, އިންތިހާބު ކާމިޔާބު ކުރެއްވީ ނަޝީދުގެ ތާއީދު އޮތް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ބަލިކުރައްވައިފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުގެ 58 ޕަސެންޓް ހޯއްދަވައިގެންނެވެ. އިންތި އަށް ހޯއްދެވުނީ 42 ޕަސެންޓެވެ.

ވަގުތީ ނަތީޖާއެކު ފައްޔާޒުގެ ޓީމުން އުފާ ފާޅުކުރަމުން އަންނައިރު އިންތިހާބާ ބެހޭ ގޮތުން އިންތި ވެސް އަދި އޭނާގެ ޓީމުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. ނަޝީދު ވެސް އިންތިހާބާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުންނެވި އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި).
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުންނެވި އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި).