ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ނުވާތީ އެއްވެސް މަސައްކަތެއް ނެތިގެން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބޭއްވިއިރު އެޖެންޑާގައި އޮތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާ ސުވާލު ކުރުން އެންޏެވެ.
ބައިގަޑިއިރުގެ ތެރޭގައި އެ ކަން ނިންމާލުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހަށް އިތުރު ބިލެއް ހުށަހަޅާފައި ނުވާ ކަމަށާއި ނުނިމި ހުރި މައްސަލައެއް ވެސް މަޖިލީހުގެ ތަޅުމުގައި ނެތް ކަމަށެވެ.
"މި ދައުރަށް ވާ ބިލުތައް ސަރުކާރުން ހުށަހެޅުމަށް އެދިވަޑައިގަންނަވާ ނަމަ އެ ބިލުތައް ވެސް ސަރުކާރުން މަޖިލީހަށް ފޮނުވައި ދެއްވުމަށް އެދެން. މިހާތަނަށް އެއްވެސް އެއްޗެއް ފޮނުވިފައެއް ނުވޭ. އަދި އެއްވެސް ބިލެއް މަޖިލީހަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި މަސައްކަތެއް ނެތަސް ކޮމިޓީ މަރުހަލާގައި ގިނަ ބިލުތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ނިންމައި ފޮނުވައި ދެއްވުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ކޮމިޓީތަކުގައި ހުރި ބިލުތަކުގެ އަދަދު:
އިގްތިސާދީ ކޮމިޓީ - ތިން ބިލު
ޖުޑިޝަރީ ކޮމިޓީ - ތިން ބިލު
އިޖްތިމާއީ ކޮމިޓީ - ތިން ބިލު
ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ - އެއް ބިލު
އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ - އެއް ބިލު
ލާމަރުކަޒީ ކޮމިޓީ - އެއް ބިލު
މާލިއްޔަތު ކޮމިޓީ - ދެ ބިލު
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ - އެއް ބިލު
ޖޮއިންޓް ކޮމިޓީތައް - ފަސް ބިލު