އިސްލާމިކް ޔުނިވާސިޓީގެ ހޯލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ދަސްވެނިވުމުގެ ބޮޑު ރަސްމިއްޔާތުގައި އެންމެ ބޮޑު ޝަރަފަކާއެކު އުފަލެއް ލިބުނު އެކަކީ މަރިޔަމް ޖަމީލާ އެވެ. އެ ޔުނިވާސިޓީގެ އެކި ކޯސްތަކުން އެ ދުވަހު ބޭއްވި ދެ ދަންފަޅިން 600 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިއިރު، އޭނާގެ ހަތަރު ދަރިއަކު ވަނީ ކިޔެވުން ނިންމައި ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.
ޖަމީލާ ބުނިގޮތުގައި، އޭނާގެ ހަތް ދަރިންގެ ތެރެއިން ހަތަރު ދަރިން އެއްކޮށް ކިޔަވައި ދަސްވެނިވުމަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.
"ބުނަން ވެސް ނޭނގުނު. ވަރަށް ވަރަށް އުފާވި ރެއެއް އެއީ. ދަރިފުޅުމެން ކިޔަވާތީވެ ވަރަށް އުފާވި،" ގދ. ތިނަދޫގައި ދިރިއުޅޭ ޖަމީލާ، 73، ބުންޏެވެ.
އޭނާގެ ހުރިހާ ކުދިންނަށް ވެސް ކިޔަވައިދިނީ މާލެ ފޮނުވައިގެންނެވެ. އޭރުގެ ހާލަތުން ދަރިންނަށް ކިޔަވައިދިނުމަށް ބުރަ މަސައްކަތެއް ކުރަން ޖެހުނެވެ. ނަމަވެސް ހަތް ކުދިންގެ ތެރެއިން އެކަކު ފިޔަވައި ބާކީ ތިބި އެންމެން މާސްޓާސް ހާސިލްކުރުމުން، އެ ކުދިންނަށް ކިޔަވައިދިނުމަށް ކުރި މަސައްކަތުގެ ނަތީޖާ ލިބިފައިވާ ކަމަށް ޖަމީލާ ގަބޫލުކުރެ އެވެ.
އެކަމަކު، އޭނާ އަދި ވެސް ބޭނުންވަނީ އެ ކުދިން އިތުރަށް ކިޔަވައިގެން ގައުމަށް ހިދުމަތްކޮށްދޭށެވެ.
"މަންމަ ހިތްވަރުދޭތީ އެ ކުދިން ވެސް ކިޔަވަން ބޭނުންވާނެ ދޯ. އެ ކުދިންނަށް ރަނގަޅު ހުރިހާ ކަމެއް ވެސް ކުރަން އަބަދު ވެސް. އެ ކުދިންނަށް ހެޔޮ ގޮތްތައް ވުމަށް ދުއާކުރަން. ހުރިހާ ވެސް އުފަލަކީ ވެސް އެއީ،" ޖަމީލާ ބުންޏެވެ.
އެ ހަތަރު ބެއިންގެ ތެރެއިން ނަޒާހަތު ނައީމް ނިންމީ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންނެވެ. އޭނައާއެކު އެއް ކޯހެއްގައި ކިޔެވީ ދައްތަ އައިޝަތު ނާސިހާ ނައީމެވެ. އަހުމަދު މިޒްހަތު ނައީމާއި ނަޒްހަތު ނައީމު އެއްކޮށް ކިޔެވީ އެޑިއުކޭޝަން އިން ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަނެވެ.
ހިސާބު ޓީޗިން އިން ޑިޕްލޮމާ ހަދައިގެން ނަޒާހަތު ވަނީ މީގެ ކުރިން މަޖީދިއްޔާ ސްކޫލްގައި ޓީޗަރަކަށް މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން މެލޭޝިޔާއިން ސިވިލް އިންޖީނިއަރިން ޑިގްރީ ހަދައިގެން މަސައްކަތް ޕްލޭނިން (ކުރިން ހައުސިން) މިނިސްޓްރީގައި މަސައްކަތްކުރާތާ ހަ އަހަރުވެއްޖެ އެވެ.
އޭނާ މި ވަގުތު އިސްކޮށް މަސައްކަތް ކުރަނީ ހައި ސްޕީޑް ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަޝްރޫއުގަ އެވެ. އޭގެ އިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މޮނީޓާކުރުމަކީ ވެސް ނަޒާހަތުގެ ޒިންމާއެކެވެ.
މެޕްސް ކޮލެޖުން އަންނަ ޖުލައި މަހު ބާއްވާ ދަސްވެނިވުމުގައި ޕްރޮޖެކްޓް މެނޭޖްމަންޓުން ޑިގްރީ ހާސިލްކުރާ ނަޒާހަތު ބުނިގޮތުގައި އެއްބަނޑުއެއްބަފާ ގިނަ ބަޔަކާއެކު ދަސްވެނިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ނަމަވެސް އެންމެން ކިޔަވަން ފެށީ އެކަމާ ދުރާލައި ރާވައިގެން ނޫން ކަމަށް އޭނާ ބުންޏެވެ.
މި ވަގުތު ގޭގައި މަސައްކަތް ކުރަމުން އަންނަ ނާސިހާ ވެސް ވަނީ ހަމަ އެ ޔުނިވާސިޓީން ޝަރީއާ އެންޑް ލޯގެ މާސްޓަސް ޕްރޮގްރާމް 2020 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.
ނަޒްހަތު މަސައްކަތް ކުރަމުން އަންނަނީ އުފަން ރަށުގައި ހުންނަ އަތޮޅު ކައުންސިލް އިދާރާގެ ސީނިއާ އެޑްމިން އޮފިސަރަކަށެވެ.. އާކިޓެކްޓާ ޑިގްރީ ހަދާފައިވާ މިޒްހަތު އުޅެނީ ލޭބަ ރިލޭޝަން އޮތޯރިޓީގެ ޑިރެކްޓަރަކަށެވެ.
"ވަރަށް އުފާވި، ހުވަފެނެއް ހަގީގަތަކަށްވީ މި. ދުރުގައިތާ އެންމެން މި އުޅެނީ. އަޅުގަނޑާ ބޭބެއާ ކިޔެވީ މެލޭއިން. ދުރުދުރުގައެއްނު މި ތިބެނީ އެކަމަކު މިހާރު އެންމެން އެއްކޮށް ކިޔެވުނީމަ އުފާވޭ. ފެމިލީ ކިޔެވުމަށް ވަރަށް ލޯބިކުރާނެ. މަންމަ ވެސް، ބައްޕަ ވެސް އަދި އެންމެ ދޮށީ ބޭބެ ވެސް ހިތްވަރުދޭނެ ކިޔަވަން. އެ މީހުންގެ ޑްރީމް ހާސިލްކޮށްދެވުނީއޭ ހިތަށްއެރީ. ވަރަށް އުފާވާނެއޭ،" ނަޒާހަތު ބުންޏެވެ.
އެ އެންމެންގެ ކިޔެވީ އޮންލައިންކޮށެވެ. ނަމަވެސް ކުރިއަށް ދިޔައީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރާއި އެހީތެރިކަން ހޯދައިގެންނެވެ.