މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ދީނީ އިލްމުވެރިޔާ އަނާރާ ނައީމް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޕީއެޗްޑީ ހާސިލްކުރައްވައިފި އެވެ.

އެ ޔުނިވާސިޓީން ޕީއެޗްޑީ ފެށި ފުރަތަމަ ބެޗުގައި ހިމެނިވަޑައިގަންނަވާ އަދި ޕީއެޗްޑީ ނިންމެވި އެންމެ ފުރަތަމަ އަންހެން ދަރިވަރު، އަނާރާ ތީސިސް ލިޔުއްވީ ސިޔާސީ ޝަރުއީ ރޮނގުން "ޝަރުއީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު" މައުލޫއަށެވެ.

ޕީއެޗްޑީގެ އެންމެފަހު އިމްތިހާނުން ފާސްވެ، ފަސް އަހަރުގެ ޕީއެޗްޑީ ކޯސް މިއަދު ނިންމެވި އަނާރާ "މިހާރު" އަށް ވިދާޅުވީ ގައުމުގެ ސިޔާސަތުތައް ކަނޑައެޅިގެންދާ ގޮތުން އެންމެ އާދައިގެ މީހާއަށް ވެސް އޭގެ އަސަރުކުރާ ކަމަށެވެ. ހައްގުތަކާއި މިނިވަންކަމުގެ ވާހަކަދައްކާއިރު، ދީނުގައި ވެސް އެ ހުރިހާ މައުލޫމާތުތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަރަބި ބަހުން ލިޔުއްވި އެ ތީސިސްގައި ހިމެނޭނީ މައިގަނޑު ތިން ބައެކެވެ. އެއީ، ޑިމޮކްރަސީ، އިސްލާމީ ނިޒާމު އަދި ރާއްޖޭގެ ސިސްޓަމެވެ.

އޭނާ ވިދާޅުވީ އަލަށް ކުރިމަތިވާ ކަންކަމާއި ޒަމާން ބަދަލުވަމުން ދާ ގޮތާއި ދައުލަތް ހިންގުމުގައި ރަނގަޅު ސިސްޓަމެއް ބިނާކުރާނެ ގޮތްތަކަށް ތީސިސްގައި އަލިއަޅުވާލއްވާފައިވާނެ ކަމަށެވެ. ރަނގަޅު ސިސްޓަމެއް އޮތަސް، އެއަށް އަމަލު ކުރަން އުނދަގޫވާތީ، އެއަށް އަމަލު ކުރާއިރު އުމަރުގެފާނުގެ ދުވަސްވަރުން މިސާލު ދައްކާފައިވާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަން މީގައި ހުރި މައުލޫމާތުތައް ދިވެހި ބަހުން މުޖުތަމައުއަށް ހިއްސާކުރަމުންދާން،" ވަކީލުން ރެގިއުލޭޓްކުރަން އުފައްދާފައިވާ ބާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ އަނާރާ ވިދާޅުވި އެވެ.

ގަތަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނީ ރޮނގުން ޑިގްރީ ހެއްދެވުމަށް ފަހު އޭނާ މާސްޓާސް ނިންމެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންނެވެ. އެއީ އިސްލާމިކް ޝަރީއާއިންނެވެ. ދަރުސްތަކާއި ދީނީ ކަންކަމަށް ލިޔުއްވަން ފެއްޓެވީ އޭގެ ފަހުންނެވެ.

އަނާރާ ވިދާޅުވީ ޕީއެޗްޑީ އަށް ފަހު ވެސް، ސިޔާސީ ދާއިރާގެ ކަންކަމުގައި ބަސް ކިޔައި ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.