އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު އެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ.
އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ، ފައްޔާޒު، ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ސެކްރެޓޭރިއޭޓްގެ ވެރިންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
މި މަހުގެ 14 ގައި ބޭއްވި ޗެއާޕާސަން އިންތިހާބުގައި 50،000 އަކަށް މީހުން ބައިވެރިވިއިރު ފައްޔާޒު ކާމިޔާބު ކުރެއްވީ 27،900 އަށް ވުރެ ގިނަ ވޯޓާއެކު އެވެ. އޭނާއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ހޯއްދެވުނީ 20،425 ވޯޓެވެ.
އެމްޑީޕީގައި ދެ ފެކްޝަނަކަށް ކެމްޕޭން ހިންގިއިރު، ފައްޔާޒު ނުކުމެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނާ އެކު އެވެ. އިންތި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ.
އިންތިހާބުގައި މާލެ ފިޔަވައި މެޖޯރިޓީ ރަށްތަކުގެ އަޣުލަބިއްޔަތު ފައްޔާޒަށް ލިބިވަޑައިގަތެވެ.
ކެމްޕޭންގައި ސަރުކާރަށް ޕާޓީގެ ތެރެއިން ކުރިމަތިވި ފާޑުކިއުންތަކާ އެކު، އެ ނަތީޖާ އިން ސާފުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް އިތުބާރާއި ތާއީދު އޮތް މިންވަރެވެ.
ނަމަވެސް އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން ވަނީ ސަރުކާރުގެ ވަސީލަތްތަކާއި ނުފޫޒުގެ ތުހުމަތު ކޮށްފަ އެވެ.