ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވާ ދާއިރާގެ އާބާދީ ބޮޑުކުރުމުން ވޯޓު ގަނެ ވިއްކައިގެން މަޖިލީހަށް މެންބަރުން ހޮވުމަށް މިހާރު އޮތް "ބޮޑު ބާޒާރު" ނިމުމަކަށް ގެނެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު، "ބޮޑު ބަދަލު"ގެ ނަމުގައި ފައްޔާޒު ކުރިއަށް ގެންދަވާ ކެމްޕެއިންގައި މާލޭގައި އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަރަކާތުގައި އޭނާ ވިދާޅުވީ މިހާރު މަޖިލިސް މެންބަރުން ހޮވުމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހޭ ކަމަށެވެ. އަދި އިންތިހާބު ވަނީ "ވޯޓު ގަނެ ވިއްކައިގެން" ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ ޒިންމާ ވެސް ވަކި ކުޑައެއް ނޫން. ރައްޔިތުންގެ ތެރެއިން ވެސް ހަމަ ރަނގަޅު އަދަދެއްގެ މީހުން ލާރިއަށް ކިޔާ ވޯޓު ހޯދަން ވެއްޖިއްޔާ. މަޖިލިސް މެންބަރުންގެ ވޯޓު ވިއްކައިގެން ގަނެގެން އެ ތަނަށް ދާހާ ހިނދަކު ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
"އެ މީހުން އެ ކުރި ހަރަދު، މިލިއަނުން މިލިއަނުން ކުރި ހަރަދު އެ މީހުން ކޮންމެވެސް ތާކުން ހޯދަން ޖެހޭ. އެ ހޯދާނީ އެ އޮންނަ ސަރުކާރަކަށް މަންފާވާ ގޮތަށް ސަރުކާރުން ބުނާހާ ކަންކަން ކޮށްދީގެން އެ ކަހަލަ ގޮތަކަށް. އެހެންވީމަ އެކަން އެބަ ޖެހޭ ހުއްޓުވަން."
އެ ކަން ހައްލު ކުރަން "ބޮޑު ބަދަލު" ގައި ހުށަހަޅާ އިސްލާހުގެ ތަފްސީލަށް ފައްޔާޒު ވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހައްލަކީ މެންބަރުން އިންތިހާބު ކުރާ އާބާދީ ބޮޑުކުރުމެވެ. ވޯޓު ގަތުމާއި ވިއްކުމަށް ފަހިވެފައި އޮންނަ އެންމެ ބޮޑު ސަބަބަކީ ކުޑަ އާބާދީއަކުން ހޮވިގެން މަޖިލީހަށް އާދެވެން އޮތީމަ އެވެ. އެގޮތުން އެންމެ ހަަސޭތަކައެއްހާ މީހުންގެ ވޯޓާ އެކު ވެސް މަޖިލީހުގެ މެންބަރުކަން ލިބޭ ކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ހުށަހަޅަނީ މެންބަރުން ހޮވާ އާބާދީ ބޮޑުކުރަން. އެ ބޮޑުކުރާ ބޮޑުކުރުމުގައި މިސާލަކަށް އަތޮޅު އަތޮޅަށް ބެހިދާނެއޭ. މުޅި އަތޮޅު އެންމެން ވޯޓުލައިގެން މެންބަރަކު ހޮވުން. އެ އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓު ލައިގެން މިސާލަކަށް ތިން މެންބަރަކު ހޮވުން. އެހެންވީމަ 20،000 މީހުންގެ ވޯޓެއް ނުއެއް ގަނެވޭނެ ގަންނަން އުޅުނަސް،" ފައްޔާޒު ވިދާޅުވި އެވެ.
"އެހެންވީމަ އެ ބާޒާރު އެ ނިމުނީ. އެ ބާޒާރު ނެތިއްޔާ އެކަމެއް ނުހިނގާނެތާ."
ފައްޔާޒު ވިދާޅުވީ އޭރަށް މަޖިލިސް މެންބަރުން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ވަކާލާތުކޮށް، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން ކަމަށެވެ. ރައްޔިތުންގެ ރުހުމާ އެކު ނޫން ގޮތަކަށް އޭރަށް މަޖިލީހަށް ނުދެވޭނެ ކަމަށެވެ.
ނަޝީދާއި ފައްޔާޒު ހުށަހަޅުއްވާ ބައެއް ބަދަލުތައް
- ސަރުކާރުގެ ވެރިޔާގެ އިތުރުން ދައުލަތުގެ ވެރިއަކު ހުރުން
- ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމަކަށް ހެދުމާއި ދައުލަތުގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް ބައިވެރިވެގެން ނަގާ ވޯޓަކުން ހޮވާ ފަރާތަކަށް ހެދުން
- ދައުލަތުގެ ވެރިޔާ މަގާމުން ވަކިކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
- މަޖިލީހުގެ ކޮމްޕޮޒިޝަން ބަދަލުކޮށް، މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުން
- ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހަނިކުރުން
- ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ހެދުން
- ދައުލަތުގެ މާލިއްޔަތަށް އަސަރުތައް ކުރާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން ޖެހޭ ގޮތަށް ބަދަލުކުރުން