މޮސްކޯ (ޑިސެމްބަރު 29) - ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ބްލެކް ސީ އަށް ވެއްޓިފައި ވަނީ ބޯޓުގެ ފިޔަގަނޑުގެ ޕެނަލް އަށް ދިމާވި މައްސަލައަކުން ކަމަށް ބޯޓުގެ ފްލައިޓް ރެކޯޑަރުގައި ހުރި މައުލޫމާތާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އިންޓަފެކްސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައި ވަނީ ބޯޓު މައްޗަށް އުފުލަން ބޭނުންކުރާ، ފިޔަގަނޑުގައިވާ، ޕެނަލްތައް ނުވަތަ ފްލެޕްސް އެކުގައި މަސައްކަތް ކޮށްފައިވާ ނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕައިލެޓުންނަށް ބޯޓުގެ ކޮންޓްރޯލް ގެއްލި ވެއްޓުނީ ކަމަށް ބައެއް ވެބްސައިޓްތަކުން ބުނެ އެވެ.
ރަޝިޔާގައި ބޭނުންކުރާތާ ދުވަސްވެފައިވާ ޓީޔޫ-154 މަރުކާގެ ބޯޓު ވެއްޓުނު ހާދިސާގައި 92 މީހުން މަރުވި އެވެ. ބޯޓުގައި ތިބީ ސީރިއާ އަށް ދަތުރުކުރި ރަޝިޔާގެ މަޝްހޫރު އެލެކްޒަންޑްރޯފް އަސްކަރީ މިއުޒިކް ބޭންޑާއި ބައެއް ނޫސްވެރިންނެވެ. ބޭންޑް ދަތުރުކުރީ ސީރިއާގައި ތިބޭ ރަޝިޔާ ސިފައިންނަށް އާ އަހަރު ޝޯއެއް ދިނުމަށެވެ. ވެއްޓުނު މަރުކާރުގެ ބޯޓުތަކަށް 33 އަހަރު ވަނީވެފަ އެވެ. މީގެ ބޯޓުތައް ރަޝިޔާ ސިފައިން ފިޔަވާ އެހެން ބަޔަކު ބޭނުމެއް ނުކުރެ އެވެ.
ބޯޓު ދުއްވާފައި ވަނީ ތަޖްރިބާކާރު ޕައިލެޓެއް ކަމަށްވާ މާޖް ރޯމަން ވޮލްކޯފެވެ. ކޯ-ޕައިލެޓަކީ 10 އަހަރުގެ ތަޖްރިބާހުރި އެލެޖްޒެންޑާ ރޮވެންސްކީ އެވެ.
ރަޝިޔާގެ މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ޕައިލެޓުންގެ ވާހަކަތަކުން ބޯޓަށް މައްސަލައެއް ދިމާވެގެން އުޅޭކަން ފާހަގައެއް ނުކުރެ އެވެ. ނަމަވެސް ބްލެކް ބޮކްސްގައި ޕައިލެޓުން ދައްކާފައިވާ ވާހަކަތައް ކަމަށް ބުނެ ކްރެމްލިންއާ ގުޅުން ހުރި ވެބްސައިޓަކުން ބުނެފައި ވަނީ ޕައިލެޓުން ހާސްވެގެން ވާހަކަ ދައްކާފައިވާ ކަމަށެވެ.