މޮސްކޯ (ފެބްރުއަރީ 11) - ރަޝިޔާގެ ޕަސިންޖާ މަތިންދާ ބޯޓެއް ވެރިރަށް މޮސްކޯގެ ޑޮމޮޑެޑޯވޯ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓި ބޯޓުން ދަތުރުކުރި 71 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސަރަޓޯފް އެއާލައިންސްގެ ބޯޓު ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ރާޑަރުން ގެއްލިފަ އެވެ. ބޯޓު ވެއްޓިފައި ވަނީ މޮސްކޯގެ އިރު ދެކުނުން 89 ކިލޯ މީޓަރު (50 މޭލު) ދުރުގައި އޮންނަ އާގުނޮވޯ އަވަށަށެވެ. އެނަޓަނޯފް އޭން-148 މަރުކާގެ ބޯޓު ދަތުރުކުރީ ކަޒަކްސްތާނުގެ ބޯޑަރާ ކައިރީގައި އޮންނަ ޔޫރަލްސްގެ އޯސްކަށެވެ.

ފްލައިޓް ޓްރެކިން ސައިޓެއް ކަމަށްވާ ފްލައިޓްރަޑާ24 އިން ބުނެފައި ވަނީ ބޯޓު ތިރިވެފައި ވަނީ މިނިޓަކު 1،000 މީޓަރު (3،300 ފޫޓް) ގެ ބާރު މިނުގައި ކަމަށެވެ. ބޯޓު ވެއްޓިފައި ވަނީ ނައްޓާލިތާ ފަސް މިިނިޓް ފަހުންނެވެ.

ފަހަކަށް އައިސް ވަނީ ރަޝިޔާގެ އެއާލައިންތަކަށް ހިތާމަވެރި ދެ ހާދިސާއެއް ކުރިމަތިވެފަ އެވެ. ޑިސެމްބަރު 25، 2016 ގައި ވަނީ ޓީޔޫ-154 ގެ އަސްކަރީ މަތިންދާ ބޯޓެއް ކަޅު ކަނޑަށް ވެއްޓި ބޯޓުން ދަތުރުކުރި 92 މީހުން މަރުވެފަ އެވެ. އޮކްޓޯބަރު 31، 2015 ގައި ވަނީ ރަޝިއަން އެއާލައިންސްގެ އެއާބަސް މަރުކާރުގެ ބޯޓެއް މިސްރުގެ ސައިނާއީ އަށް ވެއްޓި ބޯޓުގައި ތިބި 224 މީހުން މަރުވެފަ އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެ ބޯޓުގައި ބޮމެއް ހަރުކުރި ކަމަށް ބުނެފަ އެވެ.