މޮސްކޯ (މެއި 6) - ރަޝިޔާގެ ވެރިރަށް މޮސްކޯގެ ޝެރެމެޓިޔެވޯ އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިމަޖެންސީގައި ޖެއްސި ޔޫރޯފްލޮޓް އެއާލައިންގެ ބޯޓެއްގައި އަލިފާން ރޯވެ 41 މީހުން މަރުވެއްޖެ އެވެ.
ރޯވެފައިވާ ބޯޓުގެ އިމަޖެންސީ ދޮރުތަކުން މީހުން ސަލާމަތްވާ މަންޒަރުގެ ވީޑިއޯތައް ވަނީ އާއްމުކޮށްފަ އެވެ.
ރަޝިޔާގެ ގައުމީ އެއާލައިނުގެ ސުކޮއި ސުޕަޖެޓް -110 މަރުކާގެ ބޯޓުން ސަލާމަތްވި ބައެއް މީހުން ބުނެފައި ވަނީ ބޯޓު ދަތުރުކޮށްފައި ދަނިކޮށް ހޮނުއެޅީ ކަމަށެވެ. ނަމަވެސް އެއާލައިނުން ބުނީ ބޯޓު ޖެއްސީ ޓެކްނިކަލް މައްސަލަތަކެއް ޖެހިގެން ކަމަށެވެ.
ބޯޓުން 73 ޕަސެންޖަރުންނާއި ފަސް ކްރޫން ދަތުރުކުރި އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެ އެވެ. ފަސް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެންމެ ފުރަތަމަ ލިބުނު ރިޕޯޓްތައް ބުނެފައި ވަނީ ބޯޓު ޖެއްސީ އަލިފާން ރޯވެގެން ކަމަށެވެ. ނަމަވެސް ރަޝިޔާގެ އިންޓަފެކްސް ނިއުސް އެޖެންސީން ބުނީ އަލިފާން ރޯވީ ބޯޓު ޖެއްސުމާ އެކު އެރި ލޮޅުންތަކުން ކަމަށެވެ. ބޯޓު ޖެއްސި އިރު ޓޭންކްތައް ފުރާ ތެޔޮ ހުއްޓެވެ. ބޯޓުގެ ކްރޫންނަށް އެއާ ޓްރެފިކް ކޮންޓްރޯލްއާ ގުޅުން ކެނޑިފައި ވާތީ ބޯޓުން ތެޔޮ ހުސްކުރާކަށް ވެސް ނުކެރުނެވެ.
"ބޯޓުން ސަލާމަތްވީ 37 މީހުން. އެއީ 33 ޕަސިންޖަރުންނާއި ހަތަރު ކްރޫ މެންބަރުން،" ތަހުގީގުގައި އުޅޭ އޮފިޝަލަކު ވިދާޅުވި އެވެ.
ބޯޓު ނައްޓާލި އިރު ވަރަށް ބޮޑަށް މޫސުން ގޯސް ކަމަށްވެ އެވެ. އެހެންވެ ޓެކްނިކަލް މައްސަލަތައް ދިމާވެގެން ކްރޫން ވަނީ ޑިސްޓްރެސް ސިގްނަލް ފޮނުވައިފަ އެވެ.
ޔޫރޯފްލޮޓުން ބުނީ އިމަޖެންސީގައި ޖެއްސުމަށް ފަހު އިންޖީނުގައި އަލިފާން ރޯވީ ބޯޓު ރަންވޭގައި އޮއްވައި ކަމަށެވެ.