ވީޑިއޯ އާއްމުކޮށް ކޮއްކޮ ނާޒިމް ސައްތާރު "ކަތިލީ" ސަރުކާރުގެ ވަޒީރުންތަކެއް އަޑީގައި ތިއްބަވައިގެން އެ މަނިކުފާނު "ގުޑުވާލަން" ކަމަށް ތުހުމަތު ކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް "ހަވަރަށް" ނުދެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕުގައި ނަޝީދު މިގޮތަށް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ނާޒިމަށް ތުހުމަތުކުރާ ވީޑިއޯއެއް އާއްމުވުމުން ހާޒިރުކޮށް، ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާކަން ފުލުސް އޮފީހުން ބުނެފައި ވަނިކޮށެވެ. މި ވީޑިއޯ އަށް ފަހު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކު އަންހެނާއި ފިރިހެނަކާ އެކު ފެންނަ ބަރަހަނާ ފޮޓޯއެއް ވަނީ އާއްމުކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމަށް ތުހުމަތުކޮށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރި އެވެ. ސަލީމް ވަނީ އޭނާ ނުކުރައްވާ ކަމެއްގެ ތުހުމަތު އަޅުވައި އަބުރު ނަގާލި ކަމަށް ވިދާޅުވެ މައްސަލަ ތަހުގީގު ކޮށްދޭން ފުލުސް އޮފީހުގައި އެދިވަޑައިގެންފަ އެވެ.

ނާޒިމާއި އަނދުން ހުސެއިން އަދި ސަލީމަށް ކުރާ ތުހުމަތުގެ ވާހަކަ ނަޝީދު ފެއްޓެވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާ މެދު ސުވާލު އުފައްދަވަމުންނެެވެ.

ދިދަ ނުނެގީތޯ އައްސަވައި ނަޝީދު ދެން ވިދާޅުވީ "ވަރަށް އެބަ ހިންގާ" ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރާއި ބައެއް ވަޒީރުންގެ ބޭނުމަށް "އަޅުގަނޑުގެ ކޮއްކޮ އަދި އަޅުގަނޑު ކަތިލީ" ނަމަވެސް ނުގުޑާނެ އެވެ. ނާޒިމް ގެންދިޔަ ގޮތަށް ފޮޓޯ ގަނޑެއް ފެންނަ އިރަށް މީހަކު ގެންގޮސް ސުވާލުނުކުރާ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ކުރިން ފެންމަތިވި ކަންކަމުގައި ވެސް ނާޒިމް ގެންދިޔަ ގޮތަށް ހާޒިރުކޮށް ސުވާލެއް ނުކުރެ އެވެ.

"އަދި ނާޒިމްގެ ޕާސްޕޯޓް ހިފަަހައްޓައިފި. ދެން އޭނާ ކުޑަގޮޅިއަށް ލާނެ،" ނަޝީދު ވިދާޅުވި އެވެ.

..އެހެން ނަމަވެސް ވަރަށް ސާފުކޮށް ދަންނަވަން. ހުސެއިން ގެންގޮސްގެން ނުވާނެ. އަދި ސަލީމްއަކާ ވެސް ނުބެހެވޭނެ."

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ގިނަ ބައެއްގެ ފޮޓޯ ނަގާފައިވަނީ ފުލުހުންނާ ގުޅިގެންނެވެ.

"މި ހުރިހާ ފޮޓޯއެއް ނުކުންނާނެ. އަޅުގަނޑުމެންނަކަށް ޕޮލިސް ތެރެ އިސްލާހެއް ނުކުރެވުނު. ރައީސުލްޖުމްހޫރިއްޔާއަކަށް އެއްގޮތަކަށް ވެސް މި ކަމެއް ނުވި،" ނަޝީދު ވިދާޅުވި އެވެ.

"ދެން ވެސް ޑިޕްލޮމެޓުންނާއި ދިމާކުރާ އަދި މުޅި ރާއްޖެ ހަލާކުކުރާ ހައްދުފަހަނައެޅި މީހުން މަތީ މަގާމްތަކުގައި ބައިތިއްބާފައި މި ޕާޓީ މެމްބަރުން ޖަލަށް ލާނީ. އަޅުގަނޑު ވެސް ޖަލަށް ލާނެ ކަން އެނގޭ. އެކަމަކު ވެސް ދުލެއް ނުކުރެވޭނެ."

ނާޒިމްގެ ވީޑިއޯ އާންމުވުމުން ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު ތަފްސީލެއް އަދި ނުދެ އެވެ.

ފުލުހުން ބުނެފައި ވަނީ އަނދުން ހުސެއިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ އާއްމުވި މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.