މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިކަމަށް ހާއްސަކޮށް ތައާރަފްކުރި "ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް އިފްތިތާހުކޮށްދެއްވައިފަ އެވެ. ގޯއްޗާއި ފްލެޓަށް ވެސް ކުރިމަތިލެވޭނީ އެ ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓަރު އަސްލަމް ވަނީ މިއަދަކީ މާލޭ މީހުންނާއި މާލޭގައި އުޅޭ މީހުންނަށް ވެސް ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އަސްލަމް ވިދާޅުވީ މާލޭގައި އުޅޭ މީހުންނަށް 3،000 ގޯތި ދޫކުރާނީ ހުޅުމާލެއިންނާއި ގުޅީފަޅުން ކަމަށެވެ.
އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން އެ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ތަނެއް ނެތް ނުވަތަ 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް ވާރުތަވާން އޮތް މީހުންނާއި 600-1000 އަކަފޫޓާ ދެމެދުގެ ބިމެއް ވާރުތަވާން އޮތް މީހުންނަށް ހަ ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ސްކީމުގައި ވަކި ފަރުދެއްގެ ގޮތުގައި ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން ވެސް ބައިވެރިވެވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދޫކުރާ ގޯތީގެ އެންމެ ކުޑަ އަކަފޫޓަކީ 1،225 އަކަފޫޓު. ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ. އެންމެ ބޮޑުކޮށް ވެސް ދޫކުރެވޭނީ 4،000 އާ ހަމައަށް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ގޯތި ދިނުމާއި ބެހޭ އުސޫލު އޮތްގޮތް މިއަދު އާންމުކުރާނެ ކަމަށެވެ.
އެ ތިން ހާސް ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ފްލެޓަށް ކުރިމަތިލެވޭނެ އެވެ.
އަސްލަމް ވިދާޅުވީ އަތުގައި އޮތް ބިންކޮޅު ދޫކޮށްލުމަކީ ލާޒިމުކަމެއް ނޫން ކަމަށާއި އެ ބިން ދޫކޮށްލާފައި އެ ބިމުގެ އަގުން ފްލެޓަށް ޖެހޭ އަގުގެ ބައެއް އުނިކުރެވިދާނެ ކަމަށެވެ.
"ބިމުގެ އަގު ކަނޑައެޅުމުގައި ބިމުގެ އަކަފޫޓަކަށް ޖެހޭ ރޭޓް އަޅުގަނޑުމެން ވަނީ ކަނޑައަޅާފައި. އޭގެ ތަފްސީލު ވެސް މިއަދު ހާމަކުރާނަން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެއަށް ފަހު ފޯމުތައް އިވެލުއޭޓްކޮށް މައުލޫމާތު ސާފުކުރުން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކާނީ މިމަހުގެ 16 ވަނަ ދުވަހު ސޮއިކުރި ޔޫރަޕިއަން ބޭންކެއްގެ ލޯނުގެ ދަށުން ކަމަށެވެ. އަދި އެތަނުގެ ބޮޑު ބައެއް މީހުން ދިރިއުޅުމަށް ގޯތި ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއަކީ 200 ހެކްޓަރުގެ ރަށެއް ކަމަށާއި ގުޅީފަޅުން 140 ހެކްޓަރުގެ ބިމުގައި ގޯތި ދޫކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެއީ ޕާކުތަކާއި މަގުތައް ހެދުމަށް ބޭނުންވާ ޖާގައާ އެކު އެވެ.
އެ ޕްރޮގްރާމަކީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގެންނެވި ވައުދުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.