އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުހައްމަދު ޒާހިދަށް ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ބާތިލްކުރި މައްސަލާގައި، އެ ގޯތި އެހެން މީހަކަށް ދިނުން ހުއްޓުވަން އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފި އެވެ.
ހައުސިން މިނިސްޓްރީއާ ދެކޮޅަށް ޒާހިދު ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އޭނާއަށް ދޫކުރި ގޯތި މިނިސްޓްރީން ބާތިލްކޮށްފައިވަނީ ފޯމާ އެކު އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެފައި ކަމަށެވެ.
މިނިސްޓްރީން އެ ގޯތީގެ ރަޖިސްޓްރީ ބާތިލްކުރީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދުމުން، މިހާރު އޮންނަ އުސޫލުގެ ދަށުން އަލުން ވެރިފިކޭޝަން ކުރިއަށްގެންދިޔަ އިރު ޒާހިދަކީ ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ މީހެއް ކަމަށް ފާހަގަވުމުން ކަމަށް އެނގިފައިވެ އެވެ.
ސިވިލް ކޯޓުގައި އޭނާ ދައުވާކުރީ، ޝަރުއީ ކޯޓަކުން ގޮތެއް ކަނޑައެޅުމެއް ނެތި ރަޖިސްޓްރީ ބާތިލްކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ގަޟިއްޔާއަކާ ހަވާލާދީ ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދީފަ އެވެ.
ޒާހިދަށް ދޫކުރި ގޯތި ބާތިލްކޮށް އެ ބިން އެހެން ފަރާތަކަށް ވިއްކަން އުޅޭ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. - އެ ގޯތި ވިއްކުމާ ގުޅޭ ކަންކަން ވެސް ހައުސިން މިނިސްޓްރީން ވަނީ ސިވިލް ރައިޓްސް އޮފީހަށް ހުށަހަޅައި އެތަނުން ގޮތެއް ނިންމަންދެން ފަސްކޮށްފަ އެވެ.
ނަމަވެސް، ދައުލަތުން ޝަރީއަތުގައި ބުނެފައިވަނީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ބިން ހޯދި ކަމަށް ދައުލަތުން ނުބުނާ ކަމަށާއި ރަށްވެހިކަމާ ގުޅޭ މައުޟޫއީ ހަގީގަތެއްގެ ސަބަބުން ގޯތި ލިބުމުގެ އަސާސީ ޝަރުތު ހަމަ ނުވަނީ ކަމަށެވެ.
އެއީ މާލެއަށް އުފަން މީހުންނަށް ދޫކުރި ގޯތިތަކެއް ކަމަށް ވާއިރު ޒާހިދަކީ އަދި މައިންބަފައިންނަކީ ވެސް އެ ޝަރުތު ފުރިހަމަނުވާ މީހުންކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި ޒާހިދަށް ގޯތި ދީފައި އޮތީ އެކަން އެނގޭ ހާލަތުގައި އުސޫލާ ހިލާފަށް ކަމަށް ދައުލަތުން ބުނެ އެވެ.
އެހެންވެ ހުޅުމާލޭގެ ބިމުގެ މައްޗަށް ޒާހިދަށް އެއްވެސް ހައްގެއް އަދި މިލްކުވެރިކަމެއް ވެސް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ޒާހިދުގެ އަސްލު ރަށަކީ ހއ. ހަތިފުއްޓެވެ. އެ ރަށު މީހުން ފަހުން ވަނީ ހދ. ހަނިމާދުއަށް ބަދަލުކޮށްފަ އެވެ. އެކަމަކު އޭނާގެ ރަޖިސްޓްރީ މިހާރު އޮތީ މާލޭ ދަފްތަރުގަ އެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރާ މެދު ގޮތެއް ނިންމަމުން ބުނެފައިވަނީ ދައުވާއާ ގުޅިގެން ކަނޑައަޅަންޖެހޭ ކަންކަން ބިނާވެފައިވަނީ ގޯއްޗެއް އޭގެ ޒާތުގައި އައްޔަންވެ ލިބިފައި އޮތް އޮތުމާއި އެ ބިން ދިނުން ބާތިލް ކުރުމުގެ މައްޗަށް ކަމަށެވެ. އެހެންވެ، ޒާހިދު އެދޭ ވަގުތީ އަމުރު ނެރެންޖެހޭ ހާލަތު އޮތް ކަމަށް ކޯޓުން ގަބޫލުކުރި އެވެ.
ހައުސިން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަންގާފައިވަނީ ޒާހިދުގެ ނަމުގައި ރަޖިސްޓްރީ ކުރި ގޯތި ވިއްކުމާއި ދިނުމާއި އަދި އެހެން ވެސް ގޮތަކުން އެ ބިމުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ އެއްވެސް ކަމެއް، ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ނުކުރުމަށެވެ.