ހުޅުމާލޭގައި ދާއިމީ ލޯކަލް މާރުކޭޓެއް ހަދަނީ

ހުޅުމާލޭގައި ދާއިމީ ލޯކަލް މާރުކޭޓެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.


އެޗްޑީސީގެ މުނިސިޕަލް ސާވިސްގެ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ވިދާޅުވީ ދާއިމީ ލޯކަލް މާރުކޭޓް އަޅަން ހަމަޖައްސާފައިވަނީ މިހާރު ވަގުތީ މާރުކޭޓު ހަދާފައިހުރި ބިމުގައި ކަމަށެވެ. އެއީ އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލްގެ ދެކުނު ފަރާތު ބިމެވެ. އަދި މިއަހަރުގެ ފަހުކޮޅު އެ މާރުކޭޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ރޯދަމަހަކާ ގުޅުވައިގެން އެޗްޑީސީން ހުޅުމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވަ އެވެ. މި ފަހަރުގެ މާރުކޭޓުގައި 12 ސްޓޯލް ހުންނައިރު އެއިން ކޮންމެ ތަނެއް ވިއްކާފައި ވަނީ 1500ރ. އަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވީހާ ވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް އެއްޗެހި ލިބޭނެ ގޮތް ހެދުމަށް. އަދި ވަގުތީ މާރުކޭޓެއް އައީމަ ސްޓޯލްތައް ވެސް ގިނަވެގެން ދާނެ،" ޝާން ވިދާޅުވި އެވެ.

ޝާން ވިދާޅުވި ގޮތުގައި ރަށްރަށުން މާލެއަށް ތަރުކާރި ގެންނަ އުސޫލުން، ހުޅުމާލެއަށް ތަރުކާރި ގެންނަން ރަނގަޅު ގޮތްތަކެއް ހަމަޖައްސާނެ އެވެ.