ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަގުތީ މަސްމަރުކޭޓް ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ހުންނަ ވަގުތީ މަސްމާރުކޭޓް ކުއްޔަށް ހިފުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެތަން ކުއްޔަށް ދޭނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ގުރުއަތުލުމަކުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހުޅުމާލޭގެ ވަގުތީ މަސްމާރުކޭޓް ހުންނަނީ އެމްއެންޑީއެފްގެ ފަޔަ ސްޓޭޝަން އިމާރާތުގެ ފަހަތުގައި އޮންނަ ޖެޓީ ސަރަހައްދުގަ އެވެ. އެއީ 2،378.82 އަކަފޫޓުގެ ތަނެކެވެ.
އެޗްޑީސީން ބުނީ މަސްމާރުކޭޓް ކުއްޔަށް ދެނީ އެއް އަހަރަށް ކަމަށާއި ކޮންމެ މަހަކު ކުލީގެ ގޮތުގައި 6،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 18،000ރ. ވެސް ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސްމާރުކޭޓުގައި މަސްކަނޑާދިނުމުގެ ހިދުމަތް ދެވޭނީ އެ ކުންފުނިން ކަނޑައަޅާފައިވާ އަގުގައި ކަމަށާއި އެ އަގު ލިސްޓު އާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެތަން ކުއްޔަށް ހިފަން ކުރިމަތިލާ ފަރާތުގެ ޝަރުތަކީ 100 ޕަސެންޓް ދިވެހި ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށާއި އެއްވެސް ދަރަންޏެއް އޮތް ފަރާތަކަށް ވެގެން ނުވާނެ އެވެ.
މަސްމާރުކޭޓު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ މަހު ތިނެއްގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.