ހުއްޓުމެއް ނެތި އެނބުރެމުން ދިޔަ ސީލިންގް ފަންކާއެއްގެ އަޑުގެ ތެރޭގައި އަހްމަދު އުސްމާން އެ އިނީ ކަޅު ފޮތިގަނޑެއްގައި ރަންކުލައިގެ ފަށުވިން ކީރިތި ގުރުއާނުގެ އާޔަތްތައް ވިޔާށެވެ. މީގެ ގަރުނެއް ކުރިން އޭނާގެ ކާފަގެ މަސައްކަތަކީ މައްކާގެ ހަރަމްފުޅު ޒީނަތްތެރި ކުރުމަށް ހަމަ މިގޮތަށް ކޮންމެ އަހަރެއްގެ ހައްޖު މޫސުމަށް އުރަކޮޅެއް ހެދުމެވެ.
ކޮންމެ އަހަރަކު ވެސް ހައްޖު މޫސުން ފެށުމުގެ އެންމެ ބޮޑު ރަމްޒަކީ ރަންކުލައިން ޖަރީކޮށްފައިވާ އާ އުރަކޮޅަކުން ގެފުޅު ޒީނަތްތެރި ކުރުމެވެ.
މި އުރަކޮޅު މީގެ ގަރުނެއް ކުރިން ތައްޔާރުކުރީ މިސްރުގެ އުސްމާންގެ އާއިލާއިންނެވެ.
އުސްމާންގެ އާއިލާއިން މުޅި އަހަރު ދުވަހުގެ މަސައްކަތުން ޖަރީކުރާ އުރަކޮޅު ޖަމަލުގެ ގާފިލާއެއްގައި މައްކާއަށް ގެންދަން ދަތުރު ފެށުން ވެސް އެއީ އޭރު މިސްރުގައި ބޮޑުކޮށް ފާހަގަކުރާ ހާއްސަ ހަފްލާއެކެވެ.
މި ސަގާފަތް ދެމެހެއްޓުމަށް އުސްމާން އަދިވެސް މި މަސައްކަތަށް ހާއްސަ ކުޑަކުޑަ ވޯކްޝޮޕެއް ހިންގަ އެވެ. އެއީ މިސްރުގެ ވެރިރަށް ގާހިރާގެ މެދުތެރޭގައި، ސުވެނިއާ ވިޔަފާރިއަށް ހާއްސަ ޚާން އަލް-ޚަލީލް ބާޒާރުގަ އެވެ. މިއީ މީގެ ކުރިން މިސްރުގައި އަތްތެރި މަސައްކަތްކުރި މީހުންނަށް ހާއްސަ ހިސާބެކެވެ. އެކަމަކު މިއީ މިިހާރު މިސްރުގައި ގޮންޖެހުން ބޮޑު މަސައްކަތަކަށް ވަނީ ވެފަ އެވެ.
މަސައްކަތަށް ބޭނުންވާ ގިނަ ސާމާނަކީ އިމްޕޯޓްކުރަންޖެހޭ އެއްޗިއްސަށް ވާއިރު ތަކެތީގެ އަގު ބޮޑުވުމާއި މިސްރުގެ ފައިސާގެ އަގު ދަށްވުމުގެ ސަބަބުން މަސައްކަތުން މަންފާ ހޯދަން ދަތީ އެވެ. ފެންވަރު ރަނގަޅުކޮށް ހަދާ ތަކެތީގެ އަގު ބޮޑުކަމުން އާންމުންގެ މީހަކަށް އެ ގަނެވޭ ވަރެއް ނުވެ އެވެ. މަސައްކަތުން އާމްދަނީ ހޯދަން ދަތިކަމުން އަލަށް މި ދާއިރާއަށް ވަންނަން ޒުވާނުންގެ ޝައުގުވެރިކަމެއް ނެތެވެ.
"އަތްތެރި މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދޭ ނަމަ މިހެން ދިމައެއް ނުވާނެ،" ވޯކްޝޮޕް ތެރޭގައި ފުނިޖަހާފައި ހުރި ފަށުވީގެ ފޮތި ފޭލިތަކުގެ މަތިން ބޯ އަރުވައިލަމުން އުސްމާން ބުނެލި އެވެ.
ކަޅާއި މުށި ކުލައިގެ ފޮތިގަނޑުތަކުގައި ރަނާއި ރިހި ކުލައިން ފަރުވާތެރިކަމާ އެކު ވިޔެފައިވަނީ ގުރުއާނުގެ އާޔަތްތަކާއި ދުއާތަކެވެ.
އެއިން ކޮންމެ ރޮއްޖަކުން ވެސް ހަނދާން އާކޮށްދެނީ އުސްމާންގެ ކާފަ 1924 ގައި ނެގި މުހިންމު ޒިންމާ އެވެ.
އެއް އަހަރު ދުވަހު، 10 މީހުން ލޯތްބާ އެކު ހުސްވެ ތިބެނީ ކައުބާ ޒީނަތްތެރިކޮށްދޭ ކިސްވާ ރިހި ފަށުވިން ވިޔުމުގަ އެވެ.
ފިނިފެނުން ހުވަނދު ލައިގެން
މިސްރުގެ މަސައްކަތްތެރިން 13 ވަނަ ގަރުނުގައި މި ބޮޑު ފަރުދާ ތައްޔާރުކޮށް މައްކާއަށް ގެންދަނީ އެކި ބައިބަޔަށް ހެދުމަށް ފަހު އެއްކޮށްލައިގެން، ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިސްރުގެ ސިޓީތަކުގައި ކިސްވާއާ އެކު އޮންނަ ހާއްސަ ހިނގާލުންތަކުގައި ގޭގޭގެ ބެލްކަނީން ފިނިފެން ބުރުއްސައި ކިސްވާގައި ހުވަނދުލަ އެވެ.
އުސްމާންގެ ކާފަ އެންމެ ފަހުން މީގެ ކިސްވާއެއްގެ މަސައްކަތް ބެލެހެއްޓީ 1926 ވަނަ އަހަރު އެވެ.
ކިސްވާ ހެދުމުގެ މަސައްކަތް 1927 އިން ފެށިގެން ސައޫދީ ރަސްކަމުގެ ފަރާތުން އެ ގައުމަށް ބަދަލު ކުރުމުގެ މަސައްކަތް ފެށި އެވެ. އަދި 1962 ވަނަ އަހަރު ހުރިހާ ކަމެއް ސައޫދީގައި ކުރަން ފެށި އެވެ.
އެކަމަކު މިސްރުގެ އުސްމާން އާއިލާއިން އެ ގައުމުގެ އަސްކަރިއްޔާއަށާއި ބޭރުގެ އިއްޒަތްތެރިންނަށް ފަށުވީގެ ހާއްސަ މަސައްކަތްތައް ކޮށްދެމުން ދިޔަ އެވެ. މިސްރުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖަމާލް އަބްދުލް ނާސިރާއި އަންވަރު ސާދާތަށް ވެސް މަސައްކަތްކޮށްދިނެވެ.
"އަސްކަރިއްޔާއަށް މި މަސައްކަތްކޮށްދިނުމުގެ އިތުރުން ފަހުން ކާފަ ވަނީ ގުރުއާނުގެ އާޔަތްތައް ފަށުވިން ވިޔަން ފަށާފައި. އަދި ފަހުން ކިސްވާގެ ބައިތަކާ ހަމަ އެއްގޮތަށް އެއްޗެހި ހަދަން ފެށި."
އެއާ އެކު ހަރަމްފުޅުގެ ކިސްވާގެ ކޮޕީއެއް ހޯދުމުގެ ބޭނުމުގައި މީހުން ޖަމާވާން ފެށި އެވެ.
މިހާރު، އެގޮތަށް ހުންނަ ކުދި އެތިކޮޅުތައް މިސްރުގެ 100 ޕައުންޑް (ގާތްގަނޑަކަށް 5 ޑޮލަރު) އަށް ވިއްކި ނަމަވެސް ކައުބާގެ ދޮރުކޮޅުގެ ފަރުދާއާ އެއްގޮތަށް ހަދާފައި ހުންނަ އެއްޗެހި އެތައް ހާސް ޑޮލަރަކަށް ވިއްކަ އެވެ. އުސްމާން ބުނަނީ އެއީ ގެފުޅުގައި ހުންނަ ފަރުދާތަކާ ހަމަ އެއްވެސް ތަފާތެއް ނެތް އެއްޗެހި ކަމަށެވެ.
ވަރަށް ބުރަ
ކޮރޯނާވައިރަހާ އެކު ހަލަބޮލިވި އިގްތިސާދީ ކަނޑުން މި އާއިލާ ވެސް ސަލާމަތެއް ނުވި އެވެ.
ފަށުވިން ޖަރީކުރީ މީގެ ފޮތިގަނޑުތައް މީގެ ކުރިން ނުވިކޭ ދުވަހެއް ނުދެ އެވެ. އެކަމަކު 2020 އިން ފެށިގެން ވިކެނީ މަހަކު އެވްރެޖްކޮށް ދެ ގަނޑު ފޮއްޗެވެ.
އުސްމާންގެ ކަންބޮޑުވުމަކީ މިހާރު ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ހީނަރުކަމުގައި ކުދި ވިޔަފާރިތަކަށް ދެން އެނބުރި ނާދެވޭ ހިސާބަށް ހިނގައިދާނެތީ އެވެ.
މިހާރު މިސްރުގައި މި މަސައްކަތް އޭގެ އަސްލު ގޮތުގައި ކުރާ އުޅެނީ މަދު ބައެކެވެ. އަވަހަށް، ގިނައިން ފައިސާ ހޯދޭނެ ގޮތްތަކަށް މީހުން ދަނީ ބަދަލުވަމުންނެވެ.
"އެ މީހުންނަށް ޓުކްޓުކް ނުވަތަ މިނީ ބަސް ދުއްވައިގެން ވެސް ދުވާލަކު 200-300 ޕައުންޑް (10-16 ޑޮލަރު) ހޯދޭ،" އުސްމާން ބުންޏެވެ. "ގުދާރު ބިންދަން ކަމެއް ނެތިފައި މިހެން މުޅި ދުވަހު އިށީނދެ ނުތިބޭނެ."
އެކަމަކު އުސްމާން ބުނީ އޭނާގެ މުނިކާފަ ތުރުކީން މިސްރަށް ގެނައި މި މަސައްކަތުގެ ހުނަރުތައް، އޭނާ ކުޑައިރު ސްކޫލަށް ވެސް ނުގޮސް ބައްޕަގެ ގާތުން ދަސްކުރި ކަމަށާއި އެހެންވެ އަދިވެސް ތެދުވެރިކަމާ އެކު މި މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.
"އަހަރެމެންނަށް މިއީ ވާރުތަވި ހުނަވެރި މަސައްކަތެއް. އަހަރެމެން އެކަން ދަމަހައްޓާނަން،" އޭނާ ބުންޏެވެ.
ނޯޓް: މިއީ ބަހީރާ އަމީން އޭއެފްޕީ އަށް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ