ގެފުޅުގެ ދޮރުކޮޅުގެ ވާތްފަރާތުގައިވާ ކަނުގައި ހާމަޔަށް އެ ފެންނަ ރިހި ކުލައިގެ ހިލަ އަކީ ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުން ހަޖަރުލް އަސްވަދެވެ. އެކަމަކު އަސްލު ހަޖަރުލް އަސްވަދު ބެހެއްޓިފައިވަނީ އެ ހިލައިގެ ފްރޭމު އެތެރޭގަ އެވެ. އޭގެ ތެރޭގައި ހަރުކޮށްފައި އޮންނަ އަށް ހިލަކޮޅަކީ ހަޖަރުލް އަސްވަދެވެ. ހަޖަރުލް އަސްވަދަށް ބޮސްދީ އޭގައި ބީހިލާން ބޭނުންވާ މީހުންގެ ގިނަކަމުން، އެތަނަށް ދެވޭ މީހަކަށް ވެސް މީގެ ކުރިން އެހާ ސާފު ރީތި ފޮޓޯއެއް ނެގިފައެއް ނެތެވެ. އެކަމަކު ސައޫދީ އޮފިޝަލުން މިހާރު މި ވަނީ މީގެ ކުރިން ދުވަހަކު ވެސް ނަގާފައި ނުވާ ވަރުގެ ސާފު، ފުރިހަމަ ފޮޓޯތަކެއް ނަގައި އާންމުކޮށްފަ އެވެ.
ސައޫދީ އިންފޮމޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ފޮޓޯތައް ނަގަން ހަތް ގަޑިއިރު ހޭދަވި ކަމަށާއި މިއީ 49،000 މެގަޕިލްކެސްގެ ފޮޓޯތަކެއް ކަމަށެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ފޮޓޯއިން މިހާރު ސާފުކޮށް އެ ފެންނަނީ ސުވަރުގޭގެ ހިލަކޮޅުތަކެއް ކަމަށާއި ސުވަރުގެ ފުރިހަމަވާނެ މިންވަރު މި ފޮޓޯތަކުން ހިތަށް ގެނެވޭނެ ކަމަށެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި އެތައް ބައިވަރު ފޮޓޯއެއް ނަގައި އެއްކޮށްގެން މި ފުރިހަމަ ފޮޓޯތައް ހެދުމަށް 50 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވި އެވެ.
އަހަރެމެންނަށް މި ފެންނަ، މޫނު ޖައްސައި އެތެރެ ބަލައިލެވޭ ގޮތަށް އޮންނަ ހިލައިގެ ތެރޭގައި އޮންނަނީ އަށް ހިލަކޮޅެވެ. މީގެ ތެރެއިން އެންމެ ކުޑަ ހިލަކޮޅު 1 ސެންޓިމީޓަރަށް ވުރެ ބޮޑެވެ. އަދި އެންމެ ބޮޑު ހިލަކޮޅު 2 ސެންޓިމީޓަރަށް ވުރެ ބޮޑެއް ނޫނެވެ. މި ހިލަކޮޅުތައް ހަރުކޮށްފައި އެ ހުރީ މީރު ވަސް ދުވާ ގޮތަށް އެއްޗެހި ބެހެއްޓުމަށް އަރަބިން ޒަމާނުންސުރެ ހަދައި އުޅޭ އެއްޗެއްގެ ތެރޭގަ އެވެ. ގަދަ ތެރަހެއް ގޮތަށް އެ ހުރީ ހިލަތަކާ އެކު ހަރުވެފަ އެވެ.
މި ހިލަކޮޅުތަކުގެ ހިމާޔަތަށް ބޭރުގައި ލާފައި އެ ވަނީ ޚާލިސް ރިހީގެ ފްރޭމެކެވެ. އެއީ ހަޖަރުލް އަސްވަދެއް ނޫނެވެ. ހަޖަރުލް އަސްވަދު ބަހައްޓާފައިވާ ތަނަށް މީގެ ބައި ގަރުނު ކުރިން ބަދަލުތަކެއް ގެނައުމުގެ ކުރިން 12 ހިލަކޮޅު ފެންނަން އޮތް ކަމަށްވެ އެވެ. އެކަމަކު ތަނަށް ގެނައި ބަދަލު ބައެއް ހިލަކޮޅުތައް ފެންނަން ނެތީ އެވެ.
ހަޖަރުލް އަސްވަދަކީ މާތްﷲގެ އަމުފުޅަށް ގެފުޅު ބިނާކުރެއްވި ސަލާމްލެއްވި އިބްރާހިމްގެފާނަށް، ސުވަރުގެއިން ޖިބްރީލްގެފާނު މެދުވެރިކުރައްވައި ގެނެސްދެއްވި އެއްޗެއް ކަމަށް އެނގެން އޮވެ އެވެ. އެންމެ ފުރަތަމަ އެއީ އެއްކޮށް އޮތް ހިލައެއް ނަމަވެސް މިހާރު އެތިކޮޅުތަކެއް ގޮތަށް އެ އޮތީ، ހަޖަރުލް އަސްވަދު ވަގަށް ނެގުމުގެ އެތައް ހާދިސާއަކަށް ފަހުގަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވެނީ، ފާތިމީ ދައުލަތުން ވަކިވެގަނެގެން އުފެދުނު ޤުރްމުޠީ ދައުލަތުން، ހިޖްރައިން 317 ވަނަ އަހަރުގެ ހައްޖު މަހުގެ އަށް ވަނަ ދުވަހު މައްކާ އަށް ހަމަލާދީ ހަޖަރުލް އަސްވަދު ވަގަށް ނެގި ހާދިސާ އެވެ. އޭގެ 22 އަހަރު ފަހުން އެ ހިލަ އޭގެ މަގާމަށް ރުޖޫއަ ކުރެވުނީ ހިޖްރައިން 339 ވަނަ އަހަރުގެ ތެރޭގަ އެވެ.
ހަޖަރުލް އަސްވަދު އެއްކޮށް އޮތް އިރު އޭގެ ބޮޑުމިނުގައި 110 ސެންޓިމީޓަރު ހުންނާނެ ކަމަށް ބެލެވެ އެވެ.
މިހާރު އޮތް ގޮތަށް ހިލަކޮޅުތައް އަތުރައި، އެ އޮތް ތަނުގައި ބާއްވާފައި އެ ވަނީ ކީރިތި ރަސޫލާގެ އަތްޕުޅުންނެވެ.