މާލެ އާއި އެކި ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މިނީ ބަހުގެ ހިދުމަތް ސްކޫލު ކުދިންނަށް ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރޭގައި ވަރަށް މުހިންމު ކަމެއް އެބައޮތް ކަމަށާއި އެއީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ސްކޫލު ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ގޮތް އޮތުން ކަމަށެވެ.
"ޔުނީފޯމް ސްކޫލު ކުދިންނާއި 65 އަހަރުން މަތީގެ އަދި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަހުގެ ދަތުރުތައް ހިލޭ ވާނެ،" އާޒިމް ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ވަރަށް އަވަހަށް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަށް ބޭނުންވާ 12 ބަސް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
އާރުޓީއެލްގެ ބަސް ދަތުރުތައް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގެ އިތުރުން ލ. އަތޮޅުގައި ވެސް ފަށަން މިހާރު ވަނީ ބަސްތައް ގެނެސްފަ އެވެ. އެ ބަސްތައް އެ ސަރަހައްދުތަކަށް މި މަހުގެ ތެރޭގައި ފޮނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާާޅުވި ގޮތުގައި އެމްޓީސީސީން ރާވަމުން އަންނަނީ ކޮންމެ 10 މިނެޓަކުން ހިނގާލައިފައި ދެވޭ ހިސާބުގައި ބަސްތައް ބޭއްވުމަށެވެ. އަދި ކޮންމެ 10 މިނެޓަކުން އެތަނަކުން ދަތުރު ކުރެވޭ ގޮތް ހެދުމަށެވެ.