އިންޑިއާގެ ރައީސްކަމުގެ މަގާމު ފުރުއްވާ ރަށްފުށު އާއިލާއަކަށް ނިސްބަތްވާ ފުރަތަމަ އަންހެން ބޭފުޅާގެ ހައިސިއްޔަތުން، ދުރޯޕަދީ މުރްމޫ، 64، ގާނޫނީ ހުވާ ކުރައްވައި، އިންޑިއާގެ 15 ވަނަ ރައީސްކަމުގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންފި އެވެ.
މަގާމުގެ ހުވައި ކުރެއްވުމަށް ފަހު ދެއްވި ތަގުރީރުގައި ދުރޯޕަދީ ވިދާޅުވީ އިންޑިއާގެ މިނިވަންކަމުގެ ރަން ޔޫބީލް އަހަރުގައި އެކަމަނާގެ ސިޔާސީ ހަޔާތް ފެއްޓެވުމާއި، އިންޑިއާގެ އަލިމަސް ޔޫބީލް އަހަރުގައި ގައުމުގެ ރައީސްކަމުގެ މަގާމު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އިއްތިފާގެއް ކަމަށެވެ.
"އަޅުގަނޑަކީ، މިނިވަން އިންޑިއާގައި އުފަންވި ފުރަތަމަ ރައީސް. އިންޑިއާގެ މިނިވަންކަމަށްޓަކައި ޖިހާދުކުރި ހަނގުރާމަވެރިން، މިނިވަން އިންޑިއާގެ ރައްޔިތުންނާ މެދު އުންމީދު ކުރި ކަންތައް ހަގީގަތަކަށް ހެދުމަށް އަހަރެމެން މިކުރާ މަސައްކަތް މިހާރަށް ވުރެ ހަލުވިކުރަންޖެހޭނެ."
އޭނާ ވިދާޅުވީ އިންޑިއާގެ ރައީސްގެ މަގާމަށް އިންތިޚާބުވުމަކީ އޭނާގެ އަމިއްލަ ނަފްސަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާއި، އެއީ އިންޑިއާގައި ދިރިއުޅޭ ކޮންމެ ފަގީރަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
"އަޅުގަނޑު މި މަގާމަށް އިންތިޚާބުވުމަކީ، އިންޑިއާގެ ފަގީރުންނަށް ވެސް ހުވަފެން ދެކެވިދާނެ ކަމާއި އަދި އެ ހުވަފެންތައް ހަގީގަތަކަށް ވެސް ހެދިދާނެ ކަމުގެ ވަރަށް ރަނގަޅު ހެއްކެއް. އިންޑިއާގެ ދުސްތޫރީ އެންމެ މަތީ މަގާމަށް، ރަށްފުށުގެ އެކަހެރި ސަރަހައްދެއްގެ، ފަގީރު އާއިލާއަކަށް އުފަންވި އަންހެން ދަރިއަކަށް ވެސް އާދެވުމަކީ، އެއީ އަހަރެމެންގެ ޑިމޮކްރެސީގެ ބާރުގަދަކަން."
ރައީސް ދުރޯޕަދީ ވިދާޅުވީ އޭނާ އިންޑިއާގެ ރައީސްގެ މަގާމަށް އިންތިޚާބުވުމަކީ އިންޑިއާގެ ފަގީރުންގެ ހެޔޮ ދުއާގެ އަސަރު ކަމަށެވެ. އަދި މިއީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން އަންހެނުންގެ ކިބައިގައިވާ ގާބިލުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ހުރިހާ ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް އިންޑިއާގެ އަންހެނުންނާއި ޒުވާނުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަނީ، އަޅުގަނޑު މި މަގާމުގައި މަސައްކަތްކުރާހާ ހިނދަކު، އަޅުގަނޑުގެ އެންމެ ޒިންމާއަކީ އެމީހުންގެ މަސްލަހަތު ހިމާޔަތްކުރުންކަން."
އިންޑިއާގެ އާ ރައީސް ދުރޯޕަދީ ވިދާޅުވި ގޮތުގައި އޭނާގެ އާއިލާގެ ހާލަތަށް ބަލާއިރު، އެންމެ އާދައިގް ސްކޫލެއްގައި ކިޔެވުމަކީ ވެސް ހަގީގަތަކަށް ވުން ނާދިރު ކަމެއް ކަމަށެވެ.
"އަޅުގަނޑުގެ ޙަޔާތުގެ ދަތުރު ފެށީ ވަރަށް ކުޑަކުޑަ ރަށްފުށު އަވަށަކުން. އަޅުގަނޑު ދުނިޔެއަށް އުފަންވި އާއިލާގެ ފަސްމަގަށް ބަލާއިރު، އިބްތިދާއީ ތައުލީމު ހާސިލުކުރުމަކީ ވެސް ހުވަފެނެއް ދުށުން ފަދަ ކަމެއް. އެކަމުގައި ކިތަންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، އަޅުގަނޑުގެ ޢަޒުމްގެ ވަރުގަދަކަމާއެކު، އެ އަވަށުން ކޮލެޖަކަށް ވަދެވުނު ފުރަތަމަ އަންހެން ދަރިކަމުގައި އަޅުގަނޑު ވެގެން ދިޔަ.
ދުރޯޕަދީ މުރްމޫ މަގާމުގެ ހުވާ ކުރެއްވީ، ވެރިރަށް ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތްރަޕަތީ ބަވަންގައި، މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އިންޑިއާގެ ރައީސްކަމުގެ މަގާމާ މިހާތަނަށް ހަވާލުވެވަޑައިގެންނެވި އެންމެ ހަގު ބޭފުޅާ، ދުރޯޕަދީ އަށް މަގާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ނުތަލަޕަޓީ ވެންކަޓަ ރާމަނާ އެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ރައީސްކަމުގެ ދައުރު ހަމަކުރައްވައި މަގާމުން ވަކިވެވަޑައިގެންނެވި ރާމް ނާތު ކޯވިންދު އާއި ނައިބު ރައީސް ވެންކައިއާ ނައިޑޫ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގަތެވެ.
ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމުގެ ކުރިން ސްކޫލް ޓީޗަރެއްގެ މަގާމު ފުރުއްވި ދުރޯޕަދީ ވަނީ، 2015-2021 އަށް ޖަރްޚަންދު ސްޓޭޓްގެ ގަވަރުނަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭނާ އިންޑިއާގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ ގެއާއި، 28 ސްޓޭޓުގައިވާ ގާނޫނު ހަދާ މަޖިލިސްތަކާއި، ޔޫނިއަން ޓެރިޓަރީތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުންގެ މެދުގައި، މިދިޔަ ހަފުތާގައި ނެގި ސިއްރު ވޯޓުގެ 64 ޕަސެންޓް ކާމިޔާބު ކުރައްވައިގެންނެވެ. އޭނާއާ ވާދަކުރެއްވީ އިންޑިއާގެ މާލީ ވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން ވެސް ކުރިން ކުރައްވާފައިވާ، އިދިކޮޅު އިއްތިހާދުގެ ޔަޝްވަންތް ސިންހާއެވެ.
ބޭންކު މެނޭޖަރަކާ ކާވެނިބައްލަވައިގެން ދެ ދަރިކަލުންނާއި ދަރިކަނބަލެއް، ދުރޯޕަދީ އަށް ލިބިވަޑައިގެންނެވި އެވެ. ނަމަވެސް، ދަރިކަނބަލުން ފިޔަވައި، އޭނާގެ ފިރިކަލުންނާއި ދެ ދަރިކަލުންނާއި މަންމައާއި ބޭބެ ވަނީ، 2009 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު އަވަހާރަވެފަ އެވެ.