އިންޑިއާގެ 14 ވަނަ ނައިބު ރައީސްގެ މަގާމަށް، ހުޅަނގު ބެންގޯލްގެ ކުރީގެ ގަވަރުނަރު ޖަގްދީޕް ދަންކަރް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ އިންތިޚާބުކޮށްފި އެވެ.

ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސްގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ޖަގްދީޕް އެމަގާމު ކަށަވަރު ކުރެއްވީ، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 788 މެމްބަރުންގެ ތެރެއިން 528 ވޯޓުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސަކީ ބާރަތިޔާ ޖަނާތާ ޕާތީ (ބީޖޭޕީ) އާއި އެހެން ބައެއް ޕާޓީތައް ގުޅިގެން އުފައްދާފައި އޮންނަ ކޯލިޝަނެކެވެ.

ޖަގްދީޕްއާ ވާދަކުރެއްވީ، އިދިކޮޅު ކޮންގްރެސް ޕާޓީއާއި އެހެން ބައެއް ޕާޓީތައް ގުޅިގެން އުފައްދާފައި އޮންނަ ކޯލިޝަންގެ ކެންޑިޑޭޓް އަދި ކުރީގެ ފެޑެރަލް މިނިސްޓަރު މާގަރެޓް އަލްވާ އެވެ. އޭނާ އަށް ލިބިވަޑައިގަތީ އެންމެ 182 ވޯޓެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) އެ ގައުމުގެ 14 ވަނަ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވި ޖަގްދީޕް ދަންކަރް (މ) އަށް މަރުހަބާ ދަންނަވަނީ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) އެ ގައުމުގެ 14 ވަނަ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވި ޖަގްދީޕް ދަންކަރް (މ) އަށް މަރުހަބާ ދަންނަވަނީ.

އިންޑިއާގެ ނައިބު ރައީސްގެ މަގާމަށް ޖަގްދީޕް އިންތިޚާބުވުމާ ގުޅިގެން އިންޑިއާގެ އިސް ބޭފުޅުން ގެންދަވަނީ އޭނާ އަށް ތަހުނިޔާ ދަންނަވަމުންނެވެ. އެ ގޮތުން އިންޑިއާގެ ރައީސް ދްރޯޕަދީ މުރްމޫ ވަނީ ޖަގްދީޕަށް ފޯނުން ގުޅުއްވައި ތަހުނިޔާ ދަންނަވައިފަ އެވެ. ދްރޯޕަދީ ވިދާޅުވީ ޖަގްދީޕްގެ ތަޖުރިބާއިން ގައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިފާއީ ވަޒީރު ރާޖްނާތު ސިންގް ރޭގައި، ޖަގްދީޕްގެ ގެކޮޅަށް ވަޑައިގެން އޭނާއާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވި އެވެ.

އިންޑިއާގެ ނައިބު ރައީސަކީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގެ ރައީސެވެ. އޭގެ އިތުރުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވެއްޖެ ނަމަ ނުވަތަ އިސްތިއުފާ ދެއްވައިފި ނަމަ ނުވަތަ މަގާމުން ދުރުކޮށްފި ނަމަ، ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ ވެސް ނައިބު ރައީސެވެ.

އިންޑިއާގެ ނައިބު ރައީސްގެ މަގާމާ ރަސްމީކޮށް ޖަގްދީޕް ހަވާލުވެވަޑައިގަންނަވާނީ، މިހާރު އެ މަގާމުގައި ހުންނެވި ވެންކައިއާގެ މަގާމުގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހު ހަމަވުމުން، މި މަހުގެ 11 ވަނަ ދުވަހު އެވެ. އިންޑިއާގެ ގާނޫނުއަސާސީ ބުނާ ގޮތުން ނައިބު ރައީސްގެ މަގާމުގެ ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ.