މި ސަރުކާރުން ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބްރިޖުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ހަފްލާ އިންޑިއާގައި ބާއްވާތީ އެކަމަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
އިންޑިއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން ރާއްޖޭގައި އަޅަމުން އަންނަ ބްރިޖުގެ ބިންގާ ރަސްމީކޮށް ރައީސް އަޅުއްވައިދެއްވަން ހަމަޖެހިފައި ވަނީ މިއަދު އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ބާއްވާ ރަސްމީ ބައްދަލުވުންތަކުގެ ތެރެއިންނެވެ.
ނަމަވެސް މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލާ ބިޔަ މަޝްރޫއު ފެށުން ރާއްޖޭގައި ނުބާއްވާތީ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ބްރިޖުގެ މަސައްކަތް އިންޑިއާގައި ފަށާނީ އެއީ އޭގެ ފައިދާ ބޮޑަށް އިންޑިއާ އަށް ކުރާތީ ކަމަށެވެ. އަދި އެ ބްރިޖުގެ މިލްކުވެރިކަމާއި ހުރިހާ ބާރެއް އޮންނާނީ އިންޑިއާގެ އަތުގައި ކަމަށް، ސަރުކާރުގެ އެ ނިންމުމުން ދޭހަވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ކުރާ މަސައްކަތާ ނުބައްދަލު ބޮޑު ލޯނެއް ނަގައިގެން އެ ކުރަނީ ސީދާ އިންޑިއާގެ އިންޓްރަސްޓް އޮތީމަ އެ ގައުމަަށް ފައިދާއަކަށް. ކޮންމެހެން ރާއްޖެ އާ ގުޅުން ހުރި ކަމެއް ނޫންވީމަ ރާއްޖޭގައި ނުފަށާނެ،" ޝިޔާމް ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަނޑު ހުރަސްކޮށް އެޅި ފާލަމެއްހާ ހިސާބު ވެސް ނެތް ކަމަށާއި "ސޯލިހާއި މޯދީގެ" ބްރިޖު ރަސްމިއްޔާތު ބާއްވަންވީ ކަނޑުއަޑީގައި ކަމަށެވެ.
"މިހާރު ވެސް އަޅަން ގެންގުޅޭ ހެލްމެޓުގެ ދެ ބޭނުމެއް ކުރޭ. ހިތަށް އެރީމަ ސިމެންތި މިކްސްކޮށްލަން އަދި ދޮވެލައިފަ މެންދުރު ކެއުމަށް ތަށީގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އެ މަޝްރޫއަށް ސަރުކާރުން 400 މިލިއަން ޑޮލަރު ހަމަޖައްސާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އަދި އިންޑިއާ އިން ވަނީ އިތުރު 100 މިލިއަން ޑޮލަރުގެ ހިލޭ ދީފަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް އިންޑިއާގައި އެ މަޝްރޫއު ފެށުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތަސް، އެއާ އެކުއެކީ ބިންގާ އެޅުމުގެ ކަންކަން ރާއްޖޭގައި އޮންނާނެ ކަމަށެވެ.
"ޕެރަލަލްކޮށް ދެ ގައުމުގައި އެކީ އެ މަޝްރޫއުގެ ބިންގާ އެޅުން ކުރިޔަށް ދާނީ،" މަބްރޫކް ވިދާޅުވި އެވެ.
ބްރިޖް މަޝްރޫއާ ގުޅޭ ގޮތުން އެފްކޮންސް އިން ބުނެފައިވާ ގޮތުގައި، މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފަށާނެ އެވެ.
ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލަން ނިންމާފައިވާ އިރު އެ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް ހަދާނެ އެވެ.
އެ ޕްރޮޖެކްޓަށް ސަރުކާރުން ފައިސާ ދައްކަން ފަށަން ޖެހޭނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ފަހުންނެވެ.