ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދަށް އަނެއްކާވެސް ހަތް ދުވަސް ޖަހައިފި އެވެ.

އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މިިދޔަ މަހުގެ ފަހުކޮޅު އާންމުވިއިރު، ނާޒިމްގެ ވީޑިއޯ އާއްމުކުރީ ފުރަތަމައަށެވެ. އޭރުއްސުރެ ޕާސްޕޯޓް ހިފަހައްޓާފައިވާ ނާޒިމް ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހު 28 ގައި އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓަ އެވެ.

ނާޒިމަށް ކުރާ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތު އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ޖެހީ ކުރީގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުންނެވެ.

ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން ނަޝީދު ވަނީ ކަންބޮޑުވުންފާޅުކޮށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ އެ މައްސަލާގައި 100 އެއްހާ މީހުން ޝާމިލުވާއިރު ހަމައެކަނި ނާޒިމް އާއި ދެތިން މީހެއް ހައްޔަރު ކުރި ސަބަބާ މެދު ސުވާލު އުފައްދަވައިފަ އެވެ.

އެ މައްސަލާގައި ނަޒިމްގެ އިތުރުން ދެން ހައްޔަރު ކޮށްފައި ވަނީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި ފުލުހެކެވެ.

އަލަމްގީރު މައްސަލާގައި ހިމެނޭ އެހެން ބައެއްގެ ވީޑިއޯތަކެއް ވެސް ރޭ ވަނީ އާންމުވެފަ އެވެ. އޭގެ ތެރޭގައި އިމާދުއްދީން ސްކޫލުގެ ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ހިމެނެ އެވެ. އެ ދެ މީހުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.