މެރީޑިއަމުން އެމްޕީއެލް އަށް ތެޔޮ ގަތް މައްސަލަ އޭސީސީން ބަލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމަށް މެރީޑިއަމް ސާވިސްއާ އެކު ހެދި އެއްބަސްވުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމާ އެކު ހެދި އެ އެއްބަސްވުން އެމްޕީއެލް އިން ބާތިލްކޮށްފައި ވަނިކޮށް، އެ އަށް އަމަލު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އެމްޕީއެލް އިން ބުނަމުންދަނީ އެ އެއްބަސްވުމަކީ އެ ކުންފުނީގެ ބޯޑުން ފާސް ނުކޮށް ހެދި އެއްބަސްވުމެއް ކަމަށާއި މެރީޑިއަމަކީ އެކަމަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން އެންމެ ދަށް އަގު ހުށަހެޅި ކުންފުނި ނޫން ކަމަށެވެ. އެކަމަކު މެރީޑިއަމުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަން ފެށީ އެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އެ ކޮމިޝަނުން އިސް ނަގައިގެންނެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ބައެއް ލިޔުންތައް އޭސީސީން މިހާރު ވަނީ ގެންގޮސްފަ އެވެ.

އެމްޕީއެލްގެ ތުހުމަތުތައް ދޮގުކޮށް، މެރީޑިއަމުން ބުނެފައިވަނީ އެމްޕީއެލްގެ ބޯޑުން އެ އެއްބަސްވުން ފާސްކޮށްފައިވާ ކަމަށާއި އެންމެ ދަށް އަގު ހުށަހެޅީ ވެސް އެ ކުންފުނިން ކަމަށެވެ. އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ ސަރުކާރާ ގުޅުން އޮންނަ އެހެން ކުންފުންޏެއްގެ އަތުން ތެޔޮ ގަންނަން ކަމަށެވެ.