މޯލްޑިވްސް ޕޯޓްސް ލިިމިޓެޑުގައި 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާ ކަމަށް، އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިއްޔެ ވިދާޅުވެއްޖެ އެވެ.
އެކަމަކު ޒަކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޕީއެލްއަށް ބޭނުންވާ ތެލުގެ ވިޔަފާރިން ހިޔާނާތް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ސަސްޕެންޑު ކުރުމުގައި ނާކާމިޔާބު ވުމުން، އެކަމާ ހިތާމަކުރައްވާ ކަމަށެވެ
ޒަކީގެ ޓްވީޓަށް ފަހު އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ތުހުމަތު ކުރެވޭ މުވައްޒަފުން މިހާރު ވަނީ ވަޒީފާ އިން އެކަހެރިކޮށްފަ އެވެ. އެކަމަކު އެއީ ކިތައް މުވައްޒަފުން ކަމެއް ބަޔާނުގައި ނުބުނެ އެވެ.
ޒަކީގެ ޓްވީޓްގައި ވިދާޅުވި ގޮތުގައި މި ހިޔާނާތުގައި "އެފްއެމްއެސް"ގެ މުވައްޒަފުން ހިމެނޭ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ. "އެފްއެމްއެސް"އޭ ވިދާޅުވެފައި އެ އޮތީ އެސްޓީއޯގެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އަށް ކަމަށް ބެލެވެ އެވެ.
އޭނާގެ ޓްވީޓް ބޭނުމަކީ، ބެލެވޭ ގޮތުގައި، އެހާ ބޮޑު ހިޔާނާތެއްގެ ތުހުމަތުކުރެވޭ މުވައްޒަފުން ސަސްޕެންޑްކުރަން އެމްޕީއެލްގެ ބޯޑު މީޓިންގައި ނެގި ވޯޓު ކާމިޔާބު ނުވުމެވެ. ސަސްޕެންޑް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރުން ކަމަށާއި ނުފެންނަ ކަމަށް ހަތަރު ބޭފުޅަކު ވޯޓު ދެއްވި ކަމަށް، އޭނާގެ ޓްވީޓްގައިވެ އެވެ.
ޒަކީ ސިފަކުރެއްވި ގޮތުގައި އެއީ "ތެލުގެ ވައްކަމެކެ"ވެ. އަދި އެއީ އެމްޕީއެލް "ފޭރުން" ކަމަށް ވެސް ވިދާޅުވި އެވެ.
ޗެއާމަން ޓްވީޓްކުރެއްވިތާ 12 ގަޑިއިރު ފަހުން އެމްޕީއެލުން ނެރުނު ބަޔާނުގައި ބުނީ ތުހުމަތުކުރެވޭ ހިޔާނާތުގެ އަމަލު ހިންގާފައި ވަނީ ލޮކްޑައުން ތެރޭގައި ކަމަށެވެ. އެތެރޭގެ އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން، އެ މައްސަލަ މިހާރު ވަނީ އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށް، އެމްޕީއެލްއިން ބުންޏެވެ.
އެކަމަކު ހިނގައިގެން އުޅޭ ހިޔާނާތުގެ އަދަދެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
"ކޮރަޕްޝަން ގެ މައްސަލަތަކަކީ މި ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެވެ. މިފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފަކާ މެދު މި ކުންފުނިން ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" އެމްޕީއެލްގެ ބަޔާނުގައި ބުންޏެވެ.