މައްޔިތެއްގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ބަދަލުވެރިން ނުވަތަ ވާރިސުންގެ ހުއްދަ ލިބިގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރާ ނަމަ ކޯޓު އަމުރެއް ހޯދަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް، ފުލުހުން ޕޯސްޓްމޯޓަމް ހަދަން އުޅޭ މައްސަލާގައި އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެވެ.

މިދިޔަ އަންގާރަ ދުވަހު، ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ރަޝީދު މަރުވުމުން، ފުލުހުން ގިނަ ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން އެކަން ފުލުހުން ގާތުގައި ބުނުމުން ވެސް އޭނާ "ފޭކް ޖައްސަނީ ކަމަށް" ބުނެ ފަރުވާދޭން ދެކޮޅު ހަދާފައި ވަނިކޮށް ކަމަށް އާއިލާ އިން ބުނެ އެވެ.

އޭނާގެ ހަށިގަނޑު މާލެ ގެނެސް، މިހާރު ގަލޮޅު މޯޗަރީގައި ބާއްވާފައި އޮތްއިރު އެތަނަށް އާއިލާ މީހުންނަށް ވަނުމުގެ ހުއްދައެއް ފުލުހުން ނުދެ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ އާއިލާ އިން ބުނެފައި ވަނީ އެމީހުންގެ ނުރުމުގައި ޕޯސްޓްމޯޓަމް ހަދައިފި ނަމަ ހަށިގަނޑާ ހަވާލުނުވާނެ ކަމަށެވެ. ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށް އާދޭސް ކުރިޔަސް ފުލުހުން ވެސް ދުލެއް ނުދެ އެވެ.

އެ މައްސަލައާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ވަރަށް ސާފު ކަމަށާއި އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް 24 ގަޑިއިރަށް ވުރެ ގިނައިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ހާޒިރުކުރުމަށް ފަހު އެކަމަށް ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ.

މި މައްދާއަކުން މަރުވެފައި އޮތް މީހަކު އިސްތިސްނާއެއް ނުކުރޭ - އާޒިމާ

އޭނާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލައިފި ނަމަ، އެއްވެސް މީހެއްގެ ހަށިގަނޑުގެ ސާމްޕަލް ނެގޭނީ އެމީހެއްގެ ހުއްދަ ލިބިގެން ކަމަށާއި މޯސްޓްމޯޓަމް ހެދުމާ ބެހޭ ގާނޫނެއް ނެތުމުން، އެ ހުކުމް މައްޔިތާއަށް ވެސް ހިނގާނެ ކަމަށެވެ.

"އެހެންކަމުން މި ހުކުމަށް ބަލާ މައްޔިތާގެ ހަށިގަނޑު ފަޅާ ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބަދަލުވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދިނީމަ. މި ނޫން ގޮތަކަށް ޕޮލިހުންގެ ތަހުގީގަށް ޕޯސްޓްމޯޓަމް ހަދަން ބޭނުން ނަމަ ކޯޓު އަމުރެއް ހޯދަން ޖެހޭ،" ފޭސްބުކް ޕޯސްޓެއްގައި އާޒިމާ ލިޔުއްވި އެވެ.

އާޒިމާ ވިދާޅުވީ މިވަގުތު އާއިލާ އިން ހަށިގަނޑު ހޯދަން ބޭނުން ނަމަ، އާއިލާއާ ހަށިގަނޑު ހަވާލުނުކޮށް ބޭއްވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި މައްޔިތެއްގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެކެވެ. އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއް އަދި ރާއްޖެއިން ފުރުވާލުމުގެ ބާރާއި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް ވެސް ދައުލަތަށް ލިބިގެން ނުވެ އެވެ.

އާއިލާގެ ނުރުހުމުގައި އެކަން ކުތަން ބޭނުން ނަމަ، އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ކޯޓު އަމުރެއް އޮތުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތާ ހަވާލުވެ ހުރި މީހެއްގެ ނުވަތަ މުވައްސަސާއެއްގެ އިހުމާލު އޮތް ކަމަށް ކޯޓަށް އެކަށީގެންވާ ވަރަށް ޝައްކު އޮތް ހާލަތެއްގައި އާއިލާ އިން ނުވަތަ ކޯޓުން ގަބޫލުކުރާ ތަނަކުން ނޫނީ ޕޯސްޓްމޯޓަމް ނުހެދޭނެ ކަމަށް ވެސް އަމުރު ކުރެވިދާނެ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވާ ގޮތުން ނަމަ ހިނގަމުންދާ ތަހުގީގެއްގެ ބޭނުމަށް މައްޔިތެއްގެ ހަށިގަނޑު ތަހުލީލު ކުރުން ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް ލިބެ އެވެ.

އެ ގާނޫނުގެ 97 ވަނަ މާއްދާގެ (ބ) ގައި ބުނަނީ "އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު، ހިނގަމުންދާ ކުށުގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑުގެ ތަހުލީލު ކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ. އަދި މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ތަހުލީލު ކުރުމަށް ނުވަތަ އޮޓޮޕްސީ ހެދުމަށް ނެގުން މުހިންމު ކަމަށް ފެނިގެން އެ ހަށިގަނޑު ނުވަތަ އެ ވަގުތަކު ފެންނަން އޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ކޯޓު އަމުރެއްގެ ދަށުން ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ،" މިހެންނެވެ.

ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމުގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިންނެވެ.

ރަޝީދުގެ އާއިލާ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭނާގެ އާއިލާ އިން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުނެފައިވަނިކޮށް ފުލުހުންނަށް އެކަން ނުކުރެވޭނެ ކަމަށާއި އެހެންވެ، ހަށިގަނޑު އާއިލާއާ ހަވާލުކުރަންޖެހޭ ކަމަށް ބުނެފަ އެވެ.

މާލެ ގެނައި ފަހުން އޭނާގެ މޫނު ދައްކާފައި ނުވާތީ އެކަމާ ނުރުހުންވެ ވާހަކަ ދައްކަމުން އާއިލާ އިން ތުހުމަތުކުރަނީ ރަޝީދު މަރުވީ ފުލުހުން ގަސްދުގައި އޭނާ މަރާލުމުން ކަމަށެވެ. އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން އާއިލާ އިން ދިޔައީ ފުލުހުންގެ އަމަލުތައް ބަލަމުން ކަމަށް ވެސް ބުންޏެެވެ.