ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މެންދުރު ފަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ. 

މަރުވެފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން، 50، އެވެ. 

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާތީ އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. 

ރަޒީނަކީ ކުށުގެ އެކި ތުހުމަތުތަކުގައި ތަކުރާރުކޮށް ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.

މިގޮތުން، ޗާންދަނީމަގުގައި ހުންނަ އިދިކޮޅު އެމްޑީޕީ ހަރުގެއަށް ގެއްލުންދީގެން މިދިޔަ އަހަރުގެ އޯގަސްޓު މަހު އޭނާ ހައްޔަރުކޮށް، ބަންދުކޮށްފައިވެ އެވެ.

އަދި މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައަކާއި އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް އޭނާ ހައްޔަރުކުރި އެވެ.