ބަންގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނުނު މީހަކު ތިން މަހަށް ޖަލަށް އަދި ހަތް މަހު ގޭބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެތައް ދިވެހިންނެއްގެ މައްޗަށް ދައުލަތުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާކޮށްފަ އެވެ.
މިފަހަރު ހުކުމްކޮށްފައި ވަނީ މަހުމޫދު ރިޔާޒް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ އަކީ ކަސްޓަމްސްގެ މުވައްޒަފެކެވެ. މަހުމޫދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ޝަރީއަތުގައި ކުށަށް އިއުތިރާފްވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މަހުމޫދު ރިޔާޒްގެ މައްޗަށް ހަ މަހާއި 20 ދުވަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރެވެން އޮތް ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަދަބުގެ ބޮޑު ބައި ގޭބަންދަށް ބަދަލުކުރުމަށެވެ.
އޭނާ ޖަލު ހުކުމެއްގެ ގޮތުގައި ތަންފީޒުކުރަން ޖެހޭނީ ތިން މަހާއި 10 ދުވަހެވެ. އަދި ގޭބަންދުގައި ތަންފީޒު ކުރަން ޖެހޭނީ ހަ މަހާއި 20 ދުވަސް ކަމަށް ހުކުމުގައިވެ އެވެ.
އަލަމްގީރްގެ މައްޗަށް މީގެ ކުރިން އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާއި އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެއް އުފުލި އެވެ. އޭނާއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ ދައުވާކޮށްފައިވާ މީހުންގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާާން ރަފީއު ވެސް ހިމެނެ އެވެ.
ކާނަލް ދައުވާއަށް އިންކާރުކޮށްފައިވާއިރު، ނާޒިމް، ރަފީއު އަދި އަލަމްގީރް ވެސް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް ހަތް މަހަށް އަދި އޮރިޔާކާޑު އުފެއްދި މައްސަލައިގައި ތިން އަހަރާއި ނުވަ މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ނާޒިމަށް އިއްވީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ ހުކުމެކެވެ. ރަފީއު އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. ކާނަލްގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.