ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ބައްދަލުވުމެއްގައި ޝިމާޒްއާ އެކު: ހިޔާނާތުގެ ތުހުމަތުތަކަށް ޝިމާޒް އިންކާރު ކުރައްވާ. --ފޮޓޯ | މިހާރު
01 ނޮވެމްބަރ 2022 - 14:08
ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އެޅުވިޔަސް ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި ހުރިހާ ޒިންމާއެއް އަދާކުރައްވަނީ މިނިސްޓަރަށް އެނގިވަޑައިގެން ކަމަށް ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒަށް ބޮޑެތި ތުހުމަތުތަކަކާ އެކު މަގާމުން ވަކިކޮށްދޭން އެދި މިނިސްޓަރު ނަހުލާ ވަނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އޭގައި ޝިމާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ ތެރޭގައި ޝިމާޒް އަަމަލުކުރައްވަނީ މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ ވެސް ފުށުއަރާ ގޮތަށް ކަމަށެވެ. ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ވަރަށް ބޮޑަށް ތަރުތީބުވެގެން ކުށްތަކެއް ހިނގާއިރު އެކަމުގައި ޝިމާޒުގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ބެލި ކަންކަމުން ފެންނަން ހުރި ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
ނަހުލާގެ ސިޓީގައި ރައީސް އޮފީހާ ހިއްސާކުރި ބައެއް ކަންކަމަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން މީގެ ކުރިން އޭނާއާ ހަމައަށް ގެންދިޔަ ޝަކުވާތަކެވެ. އަދި ރައީސް އޮފީހަށް ވެސް އެ މައްސަލަތައް އެ މުވައްޒަފުން ހުށަހަޅާފައިވެ އެވެ.
ޝިމާޒު މަގާމުން ވަކިކުރަން ނަހުލާ މިހާރު އެދިވަޑައިގަތަސް ކުރިން އެއްވެސް ތުހުމަތެއް ގަބޫލުނުކުރައްވައި އޭނާ ދިފާއުކުރެއްވި އެވެ.
މިނިސްޓަރުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ޝިމާޒް "މިހާރު"އަށް ވިދާޅުވީ އޭނާއަށް ކުރާ އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށެވެ. އެއީ މިނިސްޓްރީ ތެރޭގައި އުފެދިފައި އޮތް ޒާތީ މައްސަލަތަކެއްގައި އަޅުވާ ތުހުމަތުތަކެއް ކަމަށް ވިދާޅުވި އެވެ.
ހިޔާނާތުގެ އެއްވެސް ކަމެއް ނުހިންގަވާ ކަމުގެ ހެކި ދައްކަވަން ވެސް ތައްޔާރު ކަމަށާއި ރައީސް އޮފީހުން ވެސް މައްސަލައެއް ބަލާނަމަ އޭނާއަށް އެ ފުރުސަތު ދެއްވަން އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިންތިޒާމްތަކާއި ކޮންޓްރޯލް ހަމަޖައްސާފައި އޮންނަނީ މިނިސްޓަރަށް އެނގިވަޑައިނުގެން އެއްވެސް ކަމެއް ކުރެވޭ ގޮތަކަށް ނޫނެވެ. އެއްވެސް ކަމެއް މިނިސްޓަރަށް އެނގިވަޑައިނުގެން ކުރައްވާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ތުހުމަތުތަކުން ބަރީއަވަން، މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ކުރެވޭ ގޮތަކަށް ނޫން މިނިސްޓްރީގެ ކަންކަން އިންތިޒާމުވެފައި އޮންނަނީ. ޒާތީ މައްސަލައެއްގައި އަޅުގަނޑަށް ތުހުމަތުތަކެއް ކުރަނީ،" ޝިމާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާއަށް ކުރެވޭ ތުހުމަތެއް ނަމަ އެކަމެއް މިނިސްޓަރަށް ވެސް ކުރެވޭނެ އެވެ. ހަވާލުކުރި ޒިންމާގައި އަމަލުކޮށްފައި އޮންނާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް ވެސް ޝިމާޒް ވިދާޅުވި އެވެ.
ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ އުޅަނދެއްގެ ނަމްބަ ޕްލޭޓް ވަސާޖިއޯއަށް ހަވާލުކުރި މައްސަލައިގައި އޭސީސީން ޝިމާޒް ހިމެނޭހެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި އެވެ.
އެއީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ. އެކަން ހަވާލުކުރީ ރާއްޖޭގައި ދުއްވާ 120،000 ވެހިކަލްގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން އެ ކުންފުންޏަށް 68 މިލިއަނަށް ވުރެން ގިނަ ރުފިޔާ އަދި އޭގެ ފަހުން ވެސް އެ ކުންފުންޏަށް އެ މަސައްކަތުން ފައިދާވާ ގޮތަށެވެ.
މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަދަން ވަސާޖިއޯއާ ހަވާލުކުރިއިރު ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާއަކަށް އިންނެވީ ޝިމާޒެވެ. އެ ބީލަމުގެ ކަންކަން މިނިސްޓްރީގައި ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސް ބޭފުޅަކާ ޝިމާޒް ބައްދަލު ކުރެއްވި ކަމަށް އޭނާ އަށް އެ މިނިސްޓްރީގެ ބޭފުޅުން ކުރާ ތުހުމަތު ވަނީ ދޮގުކުރައްވައިފަ އެވެ.
ޝިމާޒް "މިހާރު"އަށް ވިދާޅުވެފައިވާ ގޮތުގައި ވަސާޖިއޯގެ ކުންފުނީގެ އިސް ބޭފުޅަކާ އޭނާއާ ގާތް ގުޅުމެއް ނޯވެ އެވެ. އަދި ބިޑް ކުރުމުގެ މަރުހަލާގައި ބައްދަލު ވެސް ކުރައްވާފައި ނޯންނާނެ ކަމަށާއި ތުހުމަތު އަޅުވަނީ ސިޔާސީ ގޮތުން އަބުރު ކަތިލަން ކަމަށް ވިދާޅުވި އެވެ. ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ލިބުމުގައި މިނިސްޓްރީގެ ބަޔަކު ހިތްހަމަނުޖެހިގެން އުޅެނީ އެ މީހުން ބޭނުންވާ ކުންފުންޏަކަށް ހަވާލުނުކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގައި އޭސީސީން ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ. ޖުމްލަ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެކަމަކު އެޓާނީ ޖެނެރަލް އާއި ފިނޭންސްގެ ލަފަޔާ ވެސް ހިލާފަށް ޓްރާންސްޕޯޓުން މި މައްސަލައިގައި ގިނަ ކަންކަން ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިމާޒު
03 November 2022
ޝިމާޒު ހީކުރީ ބޮޑު މަގާމެއް ލިބުނީމަ ތިމަންނާ އަށް ވެރިކަން ލިބުނީ އޭ! މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތް މީހުންނަށް ކަން ކޮށްދީ، ރަށު މީހެއް ވެއްޖެެއްޔާ އެމީހާ އަށް ބަލާ ޖައްސާ، ޕްރޮސެސް އަށް ހުރަސް އަޅާ. މިހާރު ތާހިރު ވެެއްޖެ؟ ދެން ފެންނާނީ ކޯޓުން. ލޮލް. ކާރމާސް އަ ބިޗް؟
އިސްމާލި
02 November 2022
"އެކަމަކު އެޓާނީ ޖެނެރަލް އާއި ފިނޭންސްގެ ލަފަޔާ ވެސް ހިލާފަށް ޓްރާންސްޕޯޓުން މި މައްސަލައިގައި ގިނަ ކަންކަން ކޮށްފައިވެ އެވެ." ހަހަހާ، މިނިސްޓްރީގެ އެންމެ އިސް މީހަކީ މިނިސްޓަރު. އެހެންވީމައި މިނިސްޓްރީން ކުރާ ކަންކަމުގެ ޒިންމާ ނަގާން ޖެހޭނީ މިނިސްޓަރު. މިނިސްޓްރީއިން ޓެންޑަރ އުސޫލާ ހިލާފަށް ކަންކަން ކުރުމަކީ މިނިސްޓަރު ޒިންމާވާން ޖެހޭނޭ ކަމެއް. މިއީ އެންމެނަށްވެސް އެނގޭ ކަމެއް.
އެދިމަރިޔަނބު
02 November 2022
ނަހުލާ ހަވާލުވީ އަދ މިދައުރުގައި، އޭގެ މާކުރިންފެށިގެންހިންގަމުން އައި ކަމެއް. ނަހުލާ އިސްވެހުރެ ކުރާ ކަމެކޭ ބުނެވޭކަށްނެތް
2ނޮވެންބަރު
02 November 2022
ތީ ވަރަށް ޒާތީވާ މިނިސްޓަރެށް
އިހްސާސް
02 November 2022
ނަހޫ އާއި ޝިމާޒާ ދެމީހުން ކަމެއްހެން ހީވަނީ. ދެން ދެމީހުންދޭތެރޭ ކުންޏެއް ޖެހުނީމަ އެކަކު އަނެކަކުގެ ސޯޓު ބޭލޭތޯ ބަލަނީ.
ޢޭންޖަލް
01 November 2022
ޕްލީޒް، ތިތާ ތެރޭ ކުރާކަންތައް ފަޅާއަރުވާލަބަލަ. މިނިސްޓަރާ ހަމަދާ ވެގެން ހިންގާ ޖަރީމާތައް. މިނިސްޓަރުގް ބޯއީއަކަށް ނުވެ ތިތާކު ނޫޅެވޭނެ
ޖުހާނާ
01 November 2022
"މި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތާ ފުށުއަރާ ގޮތަށް" ޝިމާޒު ކަންތައް ކުރާކަމަށް ނަހުލާ ބުނިއިރު، ކޮރަޕްޝަނުގެ މައްސަލަތަކެއް ކަމާބެހޭ އިދާރާއަށް ރިޕޯޓްކުރީ ކޮން މުވައްޒަފުންނެއްތޯ ބަލަން ފުލުހުންނަށް މައްސަލަ ހުށަނާޅަންތޯއާއި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން މައްސަލަތަކެއް ކަމާބެހޭ އިދާރާއިން ބަލަމުންދާ މީހަކަށް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ދޭން ގަދަފައި ވިއްދާފައި ނޫޅެންތޯ ނަހުލާ ކުރެން އަހާލަބަލަ.
ކޮރަލް
01 November 2022
އޮފީސް ތަކުގަ ކޮރަްޕޝަން ހިންގަނީ ސިޔާސީ ބަޔަކު ގުޅިގެންނެވެ. މައްސަލަ ޖެހެނީ ބައި އަޅާ އިރު ލިބެން ވާ ވަރަށް ނުލިބުނީމަ އެވެ.
ޟައި
01 November 2022
ދެމީހުން ގުޅިގެން ހިންގި ކަމެއް
ގެދާނޯމޮސް
01 November 2022
ޝިމާޒު އެ ބުނުއްވާހެން އޭނާއަށް ކުރެވޭ ތުހުމަތެއް ނަމަ އެކަމެއް މިނިސްޓަރަށް ވެސް ކުރެވޭނެ އެވެ. ސަޅިއެއްނުން ..! މީތި ފަޅާއަރާއިރު ދެހަންވެސް ފަޅައިގެން ދާނެކަމަށް ބެލެވެއެވެ.