މާލެ އާއި ހުޅުމާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސްއާ އެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ ދަންވަރު ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމު ގުޅިގެން، މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ރެއިޑްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
ފުލުހުން އަތުލައިގެންފައި ވަނީ 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 644،020ރ.ގެ ނަގުދު ފައިސާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
އެ ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ކަމަށް ވެސް ވިދާޅުވި އެވެ.
"މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާނަން،" ޕޮލިސް ކޮމިޝަނަރުގެ ޓުވީޓުގައިވެ އެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް މާލެ އާއި ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަންތައް ހިންގާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.