ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ: އޭނާގެ މަރަލި ކަމަށް ތުހުމަތު ކުރެވޭ ފިރިމީހާ ފައިސަލް ވެސް ވަނީ މަރުވެފައި.-
21 ޑިސެމްބަރ 2022 - 11:02
ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ފޮނުވާލައިފި އެވެ.
ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ، 29،ގެ މަރުގެ ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަރު ފައިސަލަށެވެ. އެކަން ތަހުގީގުކުރަން އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ދަންޖެހުމުން، ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ.
ނިޝާމާ މަރުވިތާ 11 ދުވަސް ފަހުން އޭނާގެ ހަށިގަނޑު ފޮނުވާލައިފައި ވާއިރު، ޕޯސްޓްމޯޓަމް ހަދަން ނުފޮނުވި ދިގުލައިގެން ދާތީ އާއިލާއިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެ އާއިލާއިން ވަނީ ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅު ވެސް ހަދައިފަ އެވެ.
އެ އާއިލާއިން ބޭނުން ނުވި ނަމަވެސް އެއީ ޝައްކު ކުރެވޭ މަރަކަށް ވުމުން ފުލުހުން ބޭނުން ނަމަ ޕޯސްޓްމޯޓަމް ހެދޭނެ އެވެ.
ދިވެހިންގެ ޕޯސްޓްމޯޓަމް ހަދަނީ އިންޑިއާ އަށް ފޮނުވައިގެންނެވެ. މި އަހަރު އެކަނި ވެސް ތިން މީހެއްގެ ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް..
21 December 2022
ތިޔަ ޕޯސްޓުމޯޓަމް ހަދައިގެން މީހެއްގެ މައްޗަށް މިގައުމުގަ ކުށް ސާބިތުވޭތަ. ނުވަތަ އަނިޔާވެރި މަރުތައް ހައްލަކަށް އެޅޭބާ؟ ބަދަލުގަ މިވަނީ ގޯހުން ގޯސް.
ރަދީފްއޮފިޝަލް
21 December 2022
މައްޔިތާއަށް އިތުރު އަނިޔާ ނުދީ އަވަހަށް ވަޅުލުން އެއީ މި މަރުގެ ވަށައިގެން ކަން ހިނގިގޮތް ބަލާއިރު މި ވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގަ އަހަރެން ދެކެނީ.ވ.ވެދުން