އެމްޑީޕީގެ އަޣުލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮވެ، އެ ޕާޓީގެ މެމްބަރުން ސަރުކާރަށް ފާޑުކިޔާތީ ލަދުގަންނަ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ޖެނުއަރީ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި، މޫސަ ވިދާޅުވީ، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ އޭނާ ކުރިން އެމްޑީޕީގައި އުޅުއްވިއިރު ނުފެންނަ ބައެއް މަންޒަރުތައް ޕާޓީގެ މެމްބަރުންގެ ފަރާތުން މިހާރު ފެންނާތީ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި މަޖިލީހުގައި ސަރުކާރަށް ފާޑު ކިޔުމާއި ސަރުކާރަށް ދަތިވާ ފަދަ ކަމެއް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ކުރިން ފެނިފައި ނުވިޔަސް، މިއަދު އެ މަންޒަރުތައް ފެންނަމުންދާ ކަމަށް މޫސަ ވިދާޅުވި އެވެ.
"މިއަދު އެހެންތޯ މި ވަނީ. ގޭގައި ޓީވީ ބަލަން އިންނައިރު ލަދުން ބޯހަލާކު ވާވަ ރުވޭ. އެމްޑީޕީން އެކަން ހުއްޓާލަންޖެހޭ. އަޅުގަނޑު އާދޭހާއެކު މި ދަންނަވަނީ އެކަން ހުއްޓަވާލައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތްގުޅުމެއް ބާއްވަވާ އަދި ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަން ކުރެއްވި މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވިއިރު ނަޝީދުގެ ސަރުކާރަށް ދަތިވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ.
"އޭރުގެ މެޖޯރިޓީ އޮތް ފަރާތަކަށް ސަލާން ޖަހައި، އާދޭސް ކޮށްގެން އަޅުގަނޑުމެން ކަންކަން ކުރީ. އެއް ދުވަހަކު ވިދާޅުވީ ތިމަންމެން ބޭނުންވީ މުޅި ކެބިނެޓް އިސްތިއުފާ ދޭށޭ. އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންނެވިން އަޅުގަނޑުމެންގެ މެޖޯރިޓީއެއް ނެތޭ. ތިކަން ތިހެން ކޮށްފިއްޔާ އަޅުގަނޑުމެން ބޭނުންވާ ވަޒީރުން ސަރުކާރަށް ނުގެނެވޭނެއޭ،" އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑަށް ފާޅުގައި ފާޑުވިދާޅުވާ އެމްޑީޕީގެ މެމްބަރުންގެ ލިިސްޓުގެ އެންމެ ކުރީގައި އުޅުއްވާ މޫސަ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެކަން އެގޮތަށް ކުރަން ވިދާޅުވީމާ އެކަން ކުރީ. ދުވަހަކު ވެސް އެއްޗެއް ނުބުނަން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވިގޮތުގައި ކިތަންމެ ހިޔާލު ތަފާތު ވިޔަސް، މެމްބަރުންގެ މެދުގައި ފިތުނަ އުފެދިގެން ނުވާނެ އެވެ. ވިދާޅުވީ، ހިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް އެންމެންނަށް އޮންނަން ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ވެސް އިގްތިސާދު އެއްކޮށް ހުއްޓުމުން ވެސް ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެނޭޖް ކުރެއްވި ކަމަށެވެ. އަވަށްޓެރި އެތައް ގައުމެއް އިނދަ ޖެހުނުއިރު ވެސް ރާއްޖެ އަށް މާ ބޮޑު ދަތިތަކެއް ކުރިމަތިނުވެ، ދިޔައީ ރައީސްގެ ހިކުމަތްތެރި މަސައްކަތުން ކަމަށް މޫސަ ވިދާޅުވި އެވެ.