ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ކޮން ކަމެއް ނުވެގެންތޯ ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ނަޝީދަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ ޖެނުއަރީ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ، އެ ޕާޓީގެ ރައީސްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މި ސަރުކާރާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާތީ މީހުން ސުވާލުކުރާ ކަމަށެވެ. އޭނާއަކީ އެމްޑީޕީގެ "މަންމަ" ކަމަށް ގިނަ ބަޔަކު ދެކޭތީ ނަޝީދު ކުޅުއްވާ އެ މަންޒަރު ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ކޯއްޗެއްތޯ އެ މަނިކުފާނަށް މަދުވެގެން ނުކުމެވަޑައިގެން، ހިނގަމުންދާ ސަރުކާރަކާ އެހާ ބޮޑަށް ހިތްޕުޅާ ހަމަނުޖެހިގެން އެ ވާހަކަ ދެއްކެވެނީ. މިއީ ހަމަ މާލޭ މީހުން އަޅުގަނޑު ގާތުގައި ހަމަ އަހާ ވާހަކައެއް،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނުނު މާރިޔާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ނަޝީދު ރޭ ވިދާޅުވެފައިވާތީ އޭގެ ރައްދުގައި މާރިޔާ ވިދާޅުވީ، ރިއެކްޓް ކުރުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށެވެ. އެއީ "ޕްރޯ އެކްޓް" ކުރާ ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މި ހިސާބަށް އައިސް ކުއްލިއަކަށް ރިއެކްޓްގެ ވާހަކަ ދެއްކީމާ އަޅުގަނޑު ވަރަށް ދެރަވޭ. އެއީ މި ޕާޓީގެ ވިސްނުމާ ވަރަށް ބީރަށްޓެހި ކަމެއް ރިއެކްޓް ކުރުމަކީ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރު ނެތް ނަމަ އަނެއްކާވެސް ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ކަން ހުރި ގޮތަށް ނަޝީދު މިނިވަން ކުރަން އެމްޑީޕީން މަގުމަތީގެ ހަރަކާތްތަކުގައި އުޅޭށެވެ. މި ސަރުކާރަށް ނަޝީދު ފާޑު ވިދާޅުވާއިރު، އެއްވެސް ރައްދެއް ނުދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެތްތެރިކަން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ރައީސް ސޯލިހު ނޫން އެހެން ބޭފުޅެއް ނަމަ އެ ވިދާޅުވާ ފާޑާއި އެ ހުރިހާ އެއްޗެއްގެ ތެރޭގައި ކެތްތެރިކަން ގެއްލި، ހަމަ އަނެއްކާވެސް ރައީސް ނަޝީދު ޖަލަށް ލައްވާނެ. އެއީ ހަމަ ޝައްކެއް ނެތް ކަމެއް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އެއް ޕާޓީއަކަށް ވެރިކަން ކުރުމަކީ ރާއްޖޭގައި މިވަގުތު ނުކުރެވޭނެ ކަމެކެވެ. އެހެންވެ، އެކި ފިކުރުގެ ޕާޓީތަކާ ގުޅިގެން ވެރިކަން ކުރެއްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ހަތަރު އަހަރު ވަންދެން ކޯލިޝަން ދެމެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގާބިލުކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ވެސް ކެބިނެޓް އިސްތިއުފާ ދިނުން ފަދަ ކަންކަން ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
"ހަނީ މޫން ޕީރިއަޑް ނިމުނު ކަމެއް ނޭނގޭ، ކެބިނެޓް ބޭފުޅުން އިސްތިއުފާ ދޭން ވެއްޖެ،" ނަޝީދުގެ ސަރުކާރަށް އިޝާރާތްކޮށް، މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަން މި ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަމާ ދެކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވުމުން ހިތާމަ ކުރައްވާ ކަމަށެވެ.