އިއްޔެ ރޭ ފަތިހު އަނދައި ހުލިވި ނީލަން ފިހާރަ ދެން އެ ބިމުގައި ނުހިންގޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުތަކުގައި އެތައް ފަހަރަކު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުމުން ވެސް އަލުން އެ ބިމުގައި މިހާތަނަށް އައީ ނީލަން ފިހާރަ ހިންގަމުންނެވެ. ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި ހިންގާ އެ ނީލަން ފިހާރައިގައި އެންމެ ފަހުން ރޯވެ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ނީލަން ފިހާރައާ ޖެހިގެން ހުންނަ ބިމުގައި ހަދާފައިވާ މާލެ ސިޓީ ކައުންސިލްގެ ލޭބަ ކުއާޓަރުތައް ވެސް އަނދައި އަޅިއަށް ވެ، އެ ތަނުގައި ދިރިއުޅޭ 200 އެއްހާ ބިދޭސީން ރޭ ވަނީ ވަގުތީ ހިޔަލަކަށް ބަދަލުކޮށްފަ އެވެ.
މިއީ، އެ ތަނުގައި އަލިފާން ރޯވި 10 ވަނަ ފަހަރެވެ.
މޭޔަރު "މިހާރު" އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ވިސްނުމުގައި އަބަދުވެސް އޮތީ އެ ބިމުގައި ނީލަން ފިހާރަ ހިންގުމަކީ ރައްކާތެރި ކަމެއް ނޫން ކަން ކަމަށެވެ. އެކަމަކު، ބަދަލު ކުރެވޭނެ އެހެން ތަނެއް ނެތުމުން ނީލަން ފިހާރަ ހިންގަން ފުރުސަތު ދިނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި ފަހަރު އަލިފާން ރޯވުމުން، އެ ތަނުގައި ދެން ނީލަން ފިހާރަ ނުހިންގޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެކަމަކު، ރައްކާތެރި އަދި އުސޫލުތަކަކާއެކު ނީލަން ފިހާރަ ހިންގުމަށް އެހެން ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގައުމެއްގައި ވެސް ސެކަންޑް ހޭންޑް އެއްޗެހި ވިއްކާ ތަނެއް ހުރޭ. މި ތަނުގައި ވެސް މިކަން ކުރިއަށް ގެންދެވޭނެ ގޮތް ވުން ވަރަށް މުހިއްމު. އެބަތިބި ނީލަން ފިހާރަ އިން ލިބޭ އާމްދަނީން ދިރިއުޅޭ އާއިލާތައް ވެސް،" މުއިއްޒު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ވަނީ ނީލަން ފިހާރަ ހިންގަން އިންޑަސްޓްރިއަލް ވިލެޖުން ބައެއް ދިނުމަށް ސަރުކާރުގައި ވެސް އެދިފަ އެވެ. އެކަމަކު، އެ އެދުމަށް އިޖާބައެއް ނުދިން ކަމަށް މޭޔަރު ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަކީ ނީލަން ފިހާރަ އަށް ކަމުދާ ތަނެއް ނޫން ކަމަށެވެ. ނީލަން ފިހާރަ ބަދަލުކުރަން އިންޑަސްޓްރިއަލް ވިލެޖު ހަމަޖައްސައިދިނުމަށް މި ފަހުން އެދިފައި ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އިންޑަސްޓްރިއަލް ވިލެޖު ހުސްކޮށްފައި އެ ވަނީ ބްރިޖުގެ މަސައްކަތަށް. ނީލަން ފިހާރައިގެ ގޮތުގައި ހިންގާ ނީލަން ފިހާރައެއް ނެތް މި ތަނުގައި،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖު ހޯދަން 3-4 ފަހަރު ސަރުކާރުގައި އެދިފައިވާ ކަމަށެވެ. އެ ތަން ނުލިބޭ ނަމަ ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ތަނެއް ހަމަޖައްސައިދިނުމަށް ވެސް އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގުޅިފަޅު އަދި ތިލަފުށި މި ވަގުތަކަށް ރަނގަޅެއް ނުވާނެ ކަނޑެއް ހުރަސްކޮށްފައި ދާން ޖެހޭތީ. ބްރިޖު އެޅުނީމަ ރަނގަޅު ވާނެ. މި ވަގުތަށް ހުޅުމާލެ ރަނގަޅުވާނެ. އެ ތަން ހޯދަން ރިކުއެސްޓް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ބޮޑު ބިމެއްގައި މިހާރު ނީލަން ފިހާރަ ހިންގަނީ ސަރުކާރަށް އެއްވެސް ފައިދާއެއް ވާ ގޮތަކަށް ނޫނެވެ. ހަމަޖެހޭ އުސޫލަކުން އެކަން ކުރުމަށް ނީލަން ފިހާރަ މިހާރު ހިންގާ މީހުން ވެސް ބޭނުންވާ ކަމަށް ކައުންސިލުން ބުންޏެވެ.