ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ހިންގި މާރާމާރީއެއްގައި ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 1:15 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 26 އަހަރުގެ މީހަކަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކު އެވެ.
އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވީގައި ހުންނަ ހިޔާ ފްލެޓު ސަރަހައްދުގަ އެވެ.
މި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އަދި ފުލުހުން ނުބުނެ އެވެ. އަދި އެ މާރާމާރީ ހިންގި ސަބަބެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.