ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހައްދާފައިވާ ބަގީޗާ އަށް ކުނި އަޅައި ގޮނޑުކޮށްފައި އޮތަސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަމާ މެދު ފިޔަވަޅެއް އަޅާނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ގަސްތައް އެ ގޮތް މި ގޮތަށް ހެދި ވިނަ ބޯވެ ތަރުތީބު ގެއްލިފައިވާ ބަގީޗާ ބެލެހެއްޓުމުގެ ޒިންމާ ސަރުކާރުގެ އެއްވެސް އިދާރާއަކަށް އޮތް ކަމަކަށް ނުވެ އެވެ.
ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ މާލެ އަންނަ ޓޫރިސްޓުން އެންމެ އާއްމުކޮށް ޒިޔާރަތްކުރާ އެއް ތަނެވެ. އެކަމަކު ތާރީޚީ މި މުހިއްމު ބިނާގެ ބަގީޗާ އޮތީ ހެރިޓޭޖް ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުގައި ނޫން ކަމަށް އެ ތަނުން ބުނެ އެވެ.
ހެރިޓޭޖް ޑިޕާޓްމެންޓްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބަގީޗާއަކީ މުލީއާގޭގެ ޒިންމާއެކެވެ. މުލީއާގޭގެ ކުރިމަތީގައި އޮންނަ އެ ބަގީޗާ ކުރިންސުރެ ބަލަހައްޓަމުން އައީ އެ ގޭގެ މުވައްޒަފުން ކަމަށްވެ އެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އެ ތަން ބަލަހައްޓަނީ މުލީއާގެ އިން،" ހެރިޓޭޖްގެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން މުލީއާގޭގެ ފަރާތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ވެސް ބުނީ އެ ބަގީޗާ އޮތީ އެ ތަންތަނުގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި އެ ތަން ބަލަހައްޓަނީ ކޮން ބަޔަކު ކަމެއް ވެސް ނޭނގޭ ކަމަށެވެ.
ބަގީޗާ ތެރެ އާއި އެ ތަނުގެ ފެންގަނޑާއި ވަޅު ވެސް ވަނީ ޕްލާސްޓިކް ފުޅި އާއި ކޮތަޅާއި ކާ އެއްޗެހި ހުސްކުރި އެކި ކަހަލަ ތަކެތި އަޅައި ގޮނޑުކޮށްފަ އެވެ. އޭގެ ތެރޭގައި ކަޕް ނޫޑްލްސް ހުސްކުރި ތައްޓާއި ކެފޭތަކުން ވިއްކާ ކާއެއްޗެހި އަޅައިފައި ދޭ ކަރުދާހު ފޮށި ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މިއީ މިސްކިތުގެ ފާރު ބުރި ކައިރީގައި ތިބެގެން މީހުން ކައިބޮއެ ހަދައި އެތެރެއަށް އުކާފައި ހުރި އެއްޗެއްސެވެ. އެ ސަރަހައްދުގައި ޑަސްބިނެއް ނުހުރެ އެވެ.
ގޮނޑުވުމުގެ އިތުރުން، ބަގީޗާ ނުބަލަހައްޓާތާ ގިނަ ދުވަސްތަކެއް ވެ، އެ ތަނުގެ ރީތިކަން ވެސް ވަނީ ގެއްލިފަ އެވެ. ފެންގަނޑު ވެސް ވަރަށް ބޮޑަށް ހަޑިވެފައިވާ އިރު ވަޅުގައި ފެހި ބޯވެ ގަސްތަކުގެ މޫ ވަނީ ފައިބައިފަ އެވެ.