ކުނި އަޅައި ވަރަށް ބޮޑަށް ގޮނޑުކޮށްފައި އޮތް ހުކުރު މިސްކިތުގެ ބަގީޗާ ސާފުކޮށްފި އެވެ.

ރާއްޖޭގެ އެންމެ މުހިއްމު ތާރީޚީ އަދި ދީނީ އެއް ބިނާގެ ގޯތި ތެރޭގައި ހައްދާފައިވާ ބަގީޗާ އިން ކުނިތައް މި ނެގީ އެ ތަނަށް ޕްލާސްޓިކް ފުޅި އާއި ކޮތަޅާއި ކާއެއްޗެހި ހުސްކުރި ތަކެތި އުކާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

ހުކުރު މިސްކިތުގެ ބަގީޗާގެ ފެންގަނޑުގައި ކުރިން ހުރި ކުނިތައް ނަގާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުކުރު މިސްކިތުގެ ބަގީޗާގެ ފެންގަނޑުގައި ކުރިން ހުރި ކުނިތައް ނަގާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުކުރު މިސްކިތް ބަލަހައްޓަން އެ ތަނުގައި މިއަދު ތިބި މީހުން ބުނިގޮތުގައި ބަގީޗާ ސާފުކުރީ މުލީއާގެ އިންނެވެ. އެއީ ކުރިންސުރެ ވެސް މުލީއާގޭގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށްވެ އެވެ. އެކަމަކު މި ކަމާ ބެހޭ ގޮތުން މުލީއާގޭގެ އިސް ބޭފުޅަކާ ސުވާލުކުރުމުން ޖަވާބެއް ނުދެއްވި އެވެ.

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުން ދާއިމީ ލިސްޓަށް ގެންދަން މިހާރު މަސައްކަތްކުރަމުން އަންނަ ހުކުރު މިސްކިތަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިރިގާ ނަގައިގެން މާލެ ގެނެސް ހުކުރު މިސްކިތް ބިނާކުރަން ފެށީ 1066ހ. ގަ އެވެ. އެއީ މީގެ 372 އަހަރު ކުރި އެވެ.