މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދެވި މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް ވަނީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ހުކުރު މިސްކިތު ގޯތިތެރެ އަށް ދޮންވެލި ލުމާއި ވަޅުދިޔަ ހިއްކުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އަދި މިސްކިތުގެ އެކި ތަންތަން ބައްލަވައިލައްވައި މުންނާރަށް ވެސް އެމަނިކުފާނު އަރައިވަޑައިގެންނެވި އެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ އާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް އިސްވެ ހުންނަވައިގެން އިއްޔެ ފެއްޓެވި މަސައްކަތުގައި، ހުކުރު މިސްކިތުގެ ހަރިންމަ ފާރުގައި ކުލަލައި، ގަބުރުސްތާނު ސާފުކޮށް، ވަޅުދިޔަ ހިއްކައި ވެލިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް މިއަދަށް ނިންމައިލުމަށް ވަނީ ކަނޑައަޅައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރިއުޅުއްވާ، ރަސްމީގެކޮޅު މުލީއާގޭގެ ކުރިމަތީގައި ހުންނަ ހުކުރު މިސްކިތަކީ އެމަނިކުފާނު އާއްމުކޮށް ހުކުރު ނަމާދަށް ވަޑައިގަންނަވާ މިސްކިތެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ މިސްކިތް ކަމަށްވާ މާލޭގެ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނެކެވެ.