ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފައިވާ ކަމަށާއި ތަރައްގީގެ މަޝްރޫއެއް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށާއި ކޮވިޑާ ގުޅިގެން އެ މަޝްރޫއުތައް ހުއްޓާލަން ބައެއް ބޭފުޅުން ލަފާދެއްވުމުން ވެސް ދެއްވީ އެއާ ދެކޮޅު ޖަވާބެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސްގެ އަރިހުގައި އައްޑު އަށް ވަޑައިގެން އެ ޕާޓީގެ މަރަދޫގެ ދާއިރާގެ ބައެއް މީހުންނާ ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، އެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުވެފައި އޮއްވައި ކަމަށެވެ. އެ ހުރިހާ ކަމަކާއެކު ވެސް ރާއްޖެ ބަނޑަށް ނުޖެހި، އިގްތިސޯދީ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ފޯމިއުލާ ރައީސް ހޯއްދަވައި ދެއްވީ. މި ވަބާގެ ކަންތައް ރާއްޖޭގައި ފެށުނު ދުވަހު ރައީސް އަޅުގަނޑު ކައިރީގައި ވިދާޅުވި ބަސްފުޅު އަބަދުވެސް އަޅުގަނޑު ހަނދާން ހުރޭ. 15 މާޗުގައި ބަންދަށް ދިޔައީ. [ރައީސް] ވިދާޅުވީ ދިވެހިން ބަނޑަށް ޖެހުނަ ނުދީ، ދިވެހިންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާ ލިބޭނެ ގޮތަށް ފަހިވެގެން މި ވަބާއިން އަރައިގަނެވޭނެ ގޮތަކަށް ތިމަންނަމެން އެންމެން މަސައްކަތް ކުރަން ޖެހޭނެއޭ،" އދ. ގެ 76 ވަނަ މަޖިލިހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ރާއްޖެ ބަނޑަށް ޖެހުނަ ނުދީ ހިފެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވީ ލާމަސީލު މިސާލެކެވެ. އެ ދުވަސްވަރު ކޮންމެ ރެއެއްގެ 8:00 ގައި ވާޗުއަލްކޮށް ސަރުކާރުގެ ކަމާ ގުޅޭ އިސްބޭފުޅުންނާ ރައީސް ބައްދަލުކުރައްވައި ކާޑާއި ބޭހުގެ ސާމާނުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވަމުން ގެންދެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ހިކުމަތްތެރިކަމާއި މަޑުމައިތިރިކަމާއި ރައްޔިތުންނާ ދޭތެރޭގައި އޮތް ވަރުގަދަ ލޯބީގެ ސަބަބުން ދިވެހި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދެވުނީ،"--- ޝާހިދު
"ބައެއް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުއްވި، މިހާރު ރާއްޖޭގެ ރިޒާވް ހުސްވެދާނެއޭ. ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަންވީއޭ. ރައީސް ވިދާޅުވީ ނޫނެކޭ. ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުން ވާނީ ރާއްޖެ ބަނޑަށް ޖެހި، ބަނގުރޫޓު ވުމުގެ ފެށުން ކަމަށޭ. ފައިސާ ހޯދާށޭ. މަސައްކަތް ކުރިއަށް ގެންދިޔައީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ނޫން ގޮތަށް މަސައްކަތް ކުރި ގައުމުތައް ބަނޑަށް ޖެހުނު ކަމަށެވެ. އެކަމަކު ތަރައްގީގެ މަޝްރޫއުތައް ކޮވިޑާ ގުޅިގެން މަޑުޖައްސާނުލައި ރާއްޖެ ދުނިޔެ އަށް ދެއްކީ މިސާލެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ދުނިޔޭގެ ވެރިން އެބަ ވިދާޅުވޭ، ކޮބައި ހެއްޔޭ ކަލޭމެން ތި ހޯދި ފޯމިއުލާއަކީ؟ ވޯލްޑް ބޭންކުން ކަނޑައަޅާފައި އެ އޮތީ 12 އިންސައްތަ މި 2023 އިގްތިސާދީ ކުރިއެރުން މި ދިވެހިރާއްޖޭގައޭ އޮތީ. ބާރަ އިން ސައްތަ ކުރިއަރަނީ މި ދިވެހިރާއްޖެ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ރާއްޖެ ބަނޑަށް ޖެހެނީ ކަމަށް ރައްޔިތުންގެ މަޖިލިހުގަ އާއި މަގުމަތީގައި ގޮވަމުން ދިޔައިރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޖަވާބަކީ "ތިމަންނަ ހުރި އޮޑި ފަރަކަށް ނާރާނެއޭ" ކަމަށެވެ.
"އެ މަނިކުފާނުގެ ހިކުމަތްތެރިކަމާއި މަޑުމައިތިރިކަމާއި ރައްޔިތުންނާ ދޭތެރޭގައި އޮތް ވަރުގަދަ ލޯބީގެ ސަބަބުން ދިވެހި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދެވުނީ،" ޝާހިދު ވިދާޅުވި އެވެ.