ކޮވިޑްގެ ވޭރިއެންޓް ދެނެގަތުމަށް އެމްއެފްޑީއޭ އިން ޖީން ސީކުއެންސިން ޓެސްޓު ހަދަން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ޖީން ސީކުއެންސިން މެޝިން ގެނެސް، ލެބް ގާއިމްކުރިތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް، އެކަމަށް އެމްއެފްޑީއޭގެ މުވައްޒަފުން އިންޑިއާގައި ތަމްރީނުކޮށް، އެ ލެބްގައި ޓެސްޓް ހަދަން ފެށީ އިއްޔެ އެވެ.
އެމްއެފްޑީއޭ އިން ޖީން ސީކުއެންސިން ހަދަން ފެށި އިރު، ރާއްޖޭގައި ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނާއި ލެބޯޓަރީގެ ހިދުމަތް ދޭ މެޑް ޓެކުން ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން، އޭގެ މެޝިނެއް ގެނެސް އެ ހިދުމަތް ދޭން ފަށައިފަ އެވެ.
ޝާހު ވިދާޅުވިގޮތުގައި، ސަވައިލަންސް ޓެސްޓު ހެދުމަށް މިހާރު ވެސް އިންޑިއާ އަށް ކޮވިޑުގެ ސާމްޕަލް ފޮނުވަ އެވެ. އެކަމަކު، ދެން ޓެސްޓުތައް ހަދާނީ ރާއްޖޭގައި ކަމަށް އޭނަ ވިދާޅުވި އެވެ.
ކޮވިޑް ވޭރިއެންޓު ހޯދުމުގެ އިތުރުން، އެކި ބަލިތައް ދެނެގަންނަ ހިއުމަން ޖީން ވެސް އެ މެޝިނުން ހެދޭ އެވެ. މިއީ، ޝާހު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ.
"ކެންސަރު ކަހަލަ ބަލިތަކުގެ ސީކުއެންސިން ހެދޭނެ. ކުރިއަށް އޮތް ތަނުގައި ރިސާޗުތަކާއި އެކި ކަހަލަ ބަލތައް ދެނެގަތުމަށް ފަސޭހަވާނެ. އިންފްލުއެންޒާ ކަހަލަ ބަލިތަކަށް ވެސް ސީކުއެންސިން ހެދޭނެ. މި ކަންތައްތަކާ އެކު ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.