ސާކް ސަމިޓުގައި ބޭނުންކުރަން އުޅަނދުތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓުގައި ބޭނުންކުރަން 21 އުޅަނދު ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.


ސާކް ސަމިޓުގައި ބޭނުންކުރަން ކުއްޔަށް ހިފި އުޅަނދުތަކަށް ވަނީ ޖުމްލަ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެ ސަމިޓުގެ ހަރަދުތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް 2013 ވަނަ އަހަރު ނެރުއްވި އޮޑިޓް ރިޕޯޓު ތަހުގީގުކޮށް އޭސީސީން ބުނީ، އެ އުޅަނދުތައް ކުއްޔަށް ދީފައި ވަނީ ބިޑްކޮށްގެން ކަން ލިޔެކިޔުންތަކުން ދައްކާ ކަމަށެވެ.

ނަމަވެސް އެ އުޅަނދުތައް ކުއްޔަށް ނަގާފައިވާ ރޭޓަކީ އާއްމުކޮށް އުޅަނދުތައް ކުއްޔަށް ހިފާ ރޭޓުތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށާއި އެކަމަކު އުޅަނދުތައް ކުއްޔަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަކި ރޭޓެއް ހަމަޖައްސާފައިނުވާ ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ސާކް ސަމިޓު ބޭއްވި ދުވަސްވަރު ހިދުމަތް ދިން ފަރާތްތަކުންނާއި ތަކެތި ކުއްޔަށްދިން ފަރާތްތަކުން އެ ދުވަސްވަރުގެ ޑިމާންޑަށް ބަލައި ހިދުމަތާއި ތަކެތީގެ އަގު ބޮޑުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ކުއްޔަށް ހިފި އުޅަނދުތަކަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ފައިސާ ދީފައި ވަނީ ސާކް ސަމިޓު ނިމުނު ފަހުން ކަމަށާއި ވެހިކަލްތައް ކުއްޔަށް ހިފާފައި ވަނީ އެގްރިމެންޓުކޮށް ވަކި މުއްދަތަކަށް ކަމަށް ވެސް ލިޔެކިޔުންތަކުން ދައްކާ ކަމަށެވެ.

ކުއްޔަށް ހިފި ވެހިކަލްތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފުސީލް ބަލަހައްޓާފައިނުވާތީ، ބިލްކޮށް ފައިސާ ދީފައިވަނީ ކޮށްފައިވާ ދަތުރުތަކަށް ކަން ޔަގީން ނުވާ ކަމާއި އަދި އެކަން ޔަގީން ނުކޮށް އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަން ފާހަގަކޮށްފައި ވެ އެވެ.

ނަމަވެސް ޖިނާއީ ކުށެއްގެ ދައުވާ ސާބިތުވާ މިންވަރަށް ހެއްކައި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ކޮރަޮޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ބުނާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ބެލެވެން ނެތުމުން، އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި އެ މައްސަލަ ވަނީ ނިންމައިފަ އެވެ.