ވޯކްސް ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޖާ ގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ވޯކްސް ކޯޕަރޭޝަނަށް ދެ އެކްސްކަވޭޓަރު ގަތުމަށް، ރަސްމީ ޑޮލަރު ރޭޓަށް ވުރެ ބޮޑުކޮށް ޑޮޮލަރަށް ފައިސާ ދައްކާފައިވާތީ ވޯކްސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު (ޖާ) ގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ދައުވާކުރަން ފޮނުވީ ކާކުގެ މައްޗަށް ކަމެއް އޭސީސީއަކުން ނުބުނެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު ޖާވިދެވެ. އޭނާއަކީ އެމްޑީޕީގެ ވެރިކަމުގައި ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެވެ.

އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ އޭރުގެ ރަސްމީ ޑޮލަރު ރޭޓަކީ ޑޮލަރަކަށް 12.85ރ. ކަމަށްވިޔަސް ދެ އެކްސްކަވޭޓަރު ގަތުމަށް އަމިއްލަ ކުންފުންޏަކަށް ފައިސާ ދެއްކީ ޑޮލަރަކަށް 13.75ރ. ގެ ރޭޓުން ކަމަށެވެ. އެހެންވެ، އެކްސްކަވޭޓަރަށް ދައްކަންޖެހޭ އަދަދަށް ވުރެ އިތުރަށް 358،200ރ. ވޯކްސް ކޯޕަރޭޝަނުން ދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމުގެ އެއްބަސްވުމުގައި އޭރު ސޮއިކޮށްފައި ވަނީ ޖާވިދު ކަމަށް އޭސީސީން ބުނެ އެވެ.

ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރަށް ފައިސާ ދެއްކީ އޭރު ޑޮލަރު ލިބުން ދަތިވެގެން ކަމަށް އޭރުގެ ޖާވިދު ވިދާޅުވެފައި ވިޔަސް ޑޮލަރު ހޯދަން އެ ކުންފުނިން އެއްވެސް މަސައްކަތެއް ކުރިކަން އެނގެން ނެތް ކަމަށް އޭސީސީން ބުނެއެވެ. އަދި އެމްއެމްއޭ އިން ކަނޑައަޅާ އަގަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން ކަމަށް އެމްއެމްއޭގެ ގަވާއިދުގައި ބުނާއިރު ވޯކްސް ކޯޕަރޭޝަނުން ބޮޑު އަގުގައި ޑޮލަރަށް ފައިސާ ދެއްކީ އެފަދަ ހުއްދައެއް ނެތި ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

މިއީ ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ޖާވިދު ކުރި ކަމެއް ކަމަށްވާތީ އޭނާގެ ޖިނާއީ ދައުވާ ކުރުމަށާއި އެކަމުން ވޯކްސް ކޯޕަރޭޝަނަށް ގެއްލުނު 385،000ރ. އޭނާ އަތުން ހޯދައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލައިގެ އިތުރުން ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމެއް ނެތި ވޯކްސް ކޯޕަރޭޝަނަށް ދެ އެކްސްކަވޭޓަރެއް ގަތް މައްސަލައެއް ވެސް އެ މައްސަލައާ އެކު އޭސީސީން ބެލި އެވެ. އެކަމަކު އެ މައްސަލާގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.

އޭސީސީން ބުނީ ޓެންޑާ ބޯޑަށް ހުށަނާޅައި، އެކްސްކަވޭޓަރު ގަތީ އެ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށާއި އެކްސްކަވޭޓަރު ގަތުމަށް ހަވާލުކުރީ އެކަމަށް އެންމެ ދަށް އަގު ހުށަހެޅި ކުންފުންޏާ ކަމަށެވެ. އަދި އެ ދެ އެކްސްކަވޭޓަރު އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ.