ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއެކު، އެ ޕާޓީ އަށް އާ ފަސް ޑެޕިއުޓީ ލީޑަރުން ރޭ އިންތިހާބުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ފެށި ޖޭޕީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ހިމެނެ އެވެ.
ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިހާބުކުރީ ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވި ބޭފުޅުން:
1. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ.
2. ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސް އަމީން އިބްރާހިމް.
3. ފުވަމުލަކު އުތުރު ދާއިރާގެ ކުރީގެ ޕީޕީއެމް މެންބަރު އަލީ ޝާހް
4. ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް.
5. ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު.
އެ ފަސް ބޭފުޅުންގެ ތެރެއިން ޝާހު ފިޔަވައި ގިނަ މެމްބަރުންނަކީ ގާސިމްގެ ވަރަށް އަރިސް އަދި އާއިލީ ބޭފުޅުންނެވެ. އޭގެ ތެރެއިން ސައުދަކީ ގާސިމްގެ އާއިލީ ބޭފުޅެކެވެ. އިގްބާލަކީ ގާސިމްގެ ޕާސަނަލް ސެކްރެޓަރީކަން ކުރެއްވި އަދި މިހާރު ވެސް އަރިސް ބޭފުޅެކެވެ. އަމީން ހިމެނެނީ ގާސިމް އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގަ އެވެ.
ޑެޕިއުޓީ ލީޑަރުގެ އިންތިހާބުގައި ވޯޓުލުމަށް 741 މީހުން ރަޖިސްޓަރީ ކުރި އެވެ. އޭގެ ތެރެއިން ވޯޓު ލާފައި ވަނީ 680 މީހުންނެވެ. އަދި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ގާސިމްގެ އަނބިކަނބަލުން ނަހުލާ އަށެވެ.
ޖޭޕީގެ ގައުމީ ކޮންފަރަންސްގައި އިއްޔެ ވަނީ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނުވަތަ އެ ޕާޓީ އިސްވެ ހަދާ ކޯލިޝަނެއް އުފައްދަން ކައުންސިލަށް ލަފާ ދިނުމަށް ވެސް ގަރާރެއް ފާސްކޮށްފަ އެވެ. އެކަަމަކު، އަމަލުކުރުން ލާޒިމް ގަރާރެއް ނޫނެވެ.