ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ އިރުދެކުނު ސަހަރެއް ކަމަށްވާ ބަޚްމުތު ހިފުމަށް ދެމުންދާ ހަމަލާތައް މުޅި ސަހަރަށް ފުޅާވެ، އާންމުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ އެވެ.
އެ ސަހަރުގެ ޑެޕިއުޓީ މޭޔަރު ވިދާޅުވި ގޮތުގައި ބަޚްމުތުގެ ހުރިހާ ސަރަހައްދެއްގައި ވެސް މިހާރު ކުރިއަށް ދަނީ، ދެ ފަރާތުގެ ސިފައިންގެ މެދުގައި މަގުމަތީގައި ބަދަލުކުރާ ހަމަލާތަކެވެ. ފިލައި ތިބެ ބޮޑުބަޑިން ހަމަލާ ބަދަލުކުރަމުން ގޮސް، މިހާރު އެއް ބަޔަކު އަނެއް ބަޔަކު ފެންނަ ހިސާބަށް ކައިރިވެ، މަގުތަކުގައި ދެ ފަރާތުގެ ސިފައިން ކޮޅުކޮޅު މައްޗަށް ދުވެ، ހަމަލާ ދެމުންދާ މަންޒަރު ވަނީ އާންމުވެފަ އެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު، ބަޚްމުތުގެ ހުރިހާ ހިސާބެއްގައި ވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި އިރު، އާންމުން ތިބީ އެ ސަހަރު ދޫކޮށް ނުކުމެވޭނެ ގޮތެއް ނެތިފަ އެވެ. އެއްގަމު އުޅަނދުތަކުގައި އެ ސަހަރުން ނުކުތުމަށް މަސައްކަތް ކުރުމަކީ، ދެފަރާތުގެ ހަމަލާތައް ވެސް އަމާޒުވެދާނެ ބޮޑު ނުރައްކަލަކަށް ވާތީ، އެ ސަހަރުން ބޭރުވާން ބޭނުންވާ މީހުން ފައިމަގުގައި ހިނގާފައި ދަތުރުކުރުން ނޫން ގޮތެއް ނެތެވެ.
ބަޚްމުތުގެ ޑެޕިއުޓީ މޭޔަރު އޮލެކްސަންދަރް މަރްޝެންކޯ ވިދާޅުވި ގޮތުގައި، ބަޑީގެ ވަޒަނެއް ނުވަތަ މިސައިލާއި ރޮކެޓްގެ ހަމަލާއެއް ނާރާ އެންމެ އިމާރާތެއް ވެސް މިހާރު އެ ސަހަރުގައި ނެތެވެ. ރަޝިޔާ ސިފައިން ހަމަލާތައް ދިނުމުގައި އާންމުން ދިރިއުޅޭ ތަންތަނަށް ވެސް ބެލުމެއް ނެތި، މުޅި ސަހަރު ސުންނާފަތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ފެށި ހަނގުރާމައިގައި، ބަޚްމުތު ހިފުމަށް ރަޝިޔާ ސިފައިން ހަނގުރާމަ ކުރަމުން ދާތާ މިހާރު އަށް މަސްދުވަސް ވެއްޖެ އެވެ. އެކަމުގައި ކުރިއެރުމެއް ނުލިބުމުން، ރަޝިޔާގެ ހަމަލާތައް މިހާރު ވަރުގަދަ ކޮށްފައިވަނީ، އެ ގައުމުގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވަގްނާ ގުރޫޕްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން، ބަޚްމުތަށް ގެންގޮސްގެންނެވެ.
ވަގްނާ ގުރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޮޒްހީން ބުނި ގޮތުގައި ބަޚްމުތު މިހާރު އޮތީ މުޅިންހެން ހިސޯރުވެ، ޔޫކްރޭން ސިފައިން އެ ސަހަރުގެ ތެރޭގައި ތާށިވެފަ އެވެ. އެހެންކަމުން ޔޫކްރޭން ސިފައިން ފުރާނަ ސަލާމަތްކުރަން އެދޭ ނަމަ، ހަތިޔާރު ބަހައްޓައި އަމާން ދިނުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ބުނެ އެވެ.
އާބާދީގައި 75000 މީހުން ދިރިއުޅޭ ބަޚްމުތުގެ ގިނަ ރައްޔިތުން މީގެ މަސްތަކެއް ކުރިން ވަނީ އެ ސަހަރު ދޫކޮށް ޔޫކްރޭންގެ އެހެން ސަރަހައްދުތަކަށް ދަތުރުކޮށްފަ އެވެ. މިހާރު އެ ސަހަރުގައި ތިބީ ހަތަރު ހާހެއްހާ އާންމު ރައްޔިތުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ކިތަންމެ ބޮޑު އަގެއް ދައްކައިގެން ވިޔަސް، ބަޚްމުތު ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ތެރެއިން މިހާތަނަށް މަރުވީ ކިތައް މީހުން ކަމެއް މުޅިން ކަށަވަރެއް ނުވެ އެވެ. ނަމަވެސް ހުޅަނގުގެ ބައެއް މީޑިއާތައް ބުނާ ގޮތުން ރަޝިޔާ ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު 200000 އާ ގާތްކުރާނެ އެވެ.